މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ރާއްޖޭގެ ހަތަރު ރަށެއްގައި ޕެރޭޑް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
ރަބީޢުލް އައްވަލް މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރާ ޤައުމީ ދުވަސް، ޤައުމީ ފެންވަރުގައި މި އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ އުތީމުގައެވެ. އެހެންކަމުން، މިއަދު ހަވީރު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ޕެރޭޑް އޮންނާނީ މިއަދު ހަވީރު ހއ.އުތީމުގައެވެ. މި ޕެރޭޑުގެ ހަރަކާތް، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލް ބައްލަވާލައްވާނެއެވެ.
އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑްތައް، އުތީމުގެ އިތުރުން، ސެޕްޓެންބަރު 28 ވަނަ ދުވަހު ނ.ކެނދިކުޅުދޫގައާއި، ސެޕްޓެންބަރު 29 ވަނަ ދުވަހު ނ.ވެލިދޫގައާއި، ސެޕްޓެންބަރު 30 ވަނަ ދުވަހު ނ.މަނަދޫގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަށްތަކުގައި ކުރިއަށްގެންދާ ޕެރޭޑުގައި ހަރަކާތްތެރިވާނީ އެންމެ ފަހުން ދަސްވެނިވުނު 68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ސިފަައިންނެވެ. އަދި، ޕެރޭޑް ކުރިއަށްދާ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ރާގު ކުޅެވޭނެއެވެ.