ގައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ވެސް ސިލްސިލާކޮށް އަލްބަމްތަކުގެ ތެރެއިން މި އަހަރުގެ ގައުމީ ލަވަ އަލްބަމް ”ދިވެހި ރާއްޖެ“ މިއަދު ނެރެފި އެވެ.
ޖުމުލަ 7 ލަވަ ހިމެނޭ މި އަލްބަމް ހާއްސަކޮށްފައި ވަނީ ދިވެހި ރާއްޖެ ތީމަށެވެ. މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ކިޔާފައި ވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނެވެ.
މި ފަހަރުގެ ލަވަ އަލްބަމަށް ޅެން ހައްދަވައި ދެއްވީ ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު، ކޮމާންޑް ސާޖަންޓް މޭޖަ ޢަބްދުﷲ ސައީދު، ޕްރައިވެޓް މުޙައްމަދު މާހިދު (މާޓު)، ޖައުފަރު ޢަބްދުއްރަޙްމާން، އާދަމް ނަސީރު އިބްރާހީމް، ފާތިމަތު ޝަރީފް އަދި މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިފަހަރުގެ އަލްބަމްގައި ވެސް ގައުމީ ރޫހާއި ގައުމީ ޖޯޝުން ލޭ ކައްކުވާލާ ފަދަ ޅެންތަކާއި ރާގުތައް ހިމެނެ އެވެ. އެގޮތުން މި އަލްބަމްގެ ލަވަތަކުގައި ރާއްޖޭގެ ރީތިކަމާއި ޖަޒީރާވަންތަކަމާއި ގައުމިއްޔަތު ސިފަކޮށްދޭ ލަވަތައް ހިމަނާފައިވެ އެވެ.
މި އަލްބަމްގެ ރާގުތައް ހެދީ ލެފްޓިނެންޓް ކާނަލް ޢަލީ މަނިކު (ދާރީ)، ވޮރަންޓް އޮފިސަރު 2 ޔޫސުފް ޝިމާޒް، ވޮރަންޓް އޮފިސަރު 1 ޢަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)، ވޮރަންޓް އޮފިސަރު 1 ފަޠުހުﷲ ޝަކީލް ޙުސައިން، ސްޓާފް ސާޖަންޓް އިބްރާހީމް އާސިފް، ޕްރައިވެޓް މުޙައްމަދު މާޙިދު (މާޓު) އަދި ޑީޓިއުން ބޭންޑު ހިމެނެ އެވެ.
ފުރަތަމަ ފަހަރަށް ލައިވް ކޮންސެޕްޓަކަށް ހެދި މި އަލްބަމްގެ ރެކޯޑިން އާއި މިކްސިން އާއި މާސްޓަރިން ހެދުމުގައި އެންމެ އިސް އިންޖީނިއަރެއްގެ ގޮތުގައި މަސައްކަތްކުރީ ފަޠުހުﷲ ޝަކީލެވެ.
އަލްބަމްގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުންނާއި އެމްއެންޑީއެފް އޮފިޝަލް ޔޫޓިއުބް ޗެނަލް އަށް އަޕްލޯޑްކޮށްފައިވެ އެވެ. އަދި އަލްބަމްގެ އޯޑިއޯ އަދި ވީޑިއޯ ލަވަތައް އެމްއެންޑީއެފް ވެބްސައިޓުން ވެސް ޑައުންލޯޑްކުރެވޭނެ އެވެ.
އެމްއެންޑީއެފުން އަންނަނީ 2002 ވަނަ އަހަރުން ފެށިގެން ގައުމީ ދުވަހުގެ މުނާޞަބަތުގައި ކޮންމެ އަހަރަކު ވެސް ޤައުމީ ލަވަ އަލްބަމެއް ނެރެމުންނެވެ.