ބޮލީވުޑްގެ ޒުވާން ލަވަ ކިޔުންތެރިޔާ ނެހާ ކައްކަރު އެންމެ ފަހުން ކިޔާފައިވާ ”އޯ ސަޖްނާ“ ގެ ލަވަ އާއި އެކު ހޫނު ފެނަށް ވެއްޓިއްޖެއެވެ.
ނެހާގެ ލަވަ ރިލީޒް ކުރުމާއި އެކު ގިނަ އަދަދެއްގެ އާއްމުން ދަނީ ނެހާއަށް ފާޑު ކިޔަމުންނެވެ. މަޝްޙޫރު ލަވަކިޔުންތެރިޔާ ފަލްގުނީ ޕަތާކުގެ ”މެއިނޭ ޕަޔަލް ހޭ“ ގެ ރިމޭކް އަށް ނެހާ ހުތުރު އަރުވާފި ކަމަށް ބުނެ ނެހާ ބޮއިކޮޓް ކުރުމަށް ވެސް އާއްމުން އަންނަނީ ގޮވާލަމުންނެވެ.
އަދި އޮރިޖިނަލް ލަވަތައް ރިމޭކް ހަދާއިން ނެހާ އަބަދުވެސް ލަވާގެ ރީތި ކަން ގެއްލުވާލާ ކަމަށާއި ނެހާގެ އަމިއްލަ ލަވަ ހަދައިގެން ކިޔުމަށް ވެސް އާއްމުން އަންނަނީ ގޮވާލަމުންނެވެ.
އޮރިޖިނަލް ލަވަ ކިޔާފައިވާ ފަލްގުނީ ޕަތާކު ވެސް ވަނީ ނެހާ އަސްލު ލަވައިގެ ރީތިކަން ގެއްލުވާލައިފި ކަމަށާއި ދަޢުވާ ކުރެވޭ ނަމަ ނެހާ އަށް ދަޢުވާ ވެސް އޭނާ ކުރާނެ ކަމަށް ހާމަކޮށްފައެވެ.
ނެހާ އަކީ ބޮލީވުޑްގައި ގިނަ ހިޓް ލަވަ ތަކެއް ކިޔާފައިވާ ހުނަރުވެރި ފަންނާނެކެވެ. މި ފަހަރުގެ ރިމޭކް އާއްމުން އަށް ކަމުނުދިޔަ ނަމަވެސް ”އޯ ސާކީ ސާކީ“ ”ދިލްބަރު“ ”ޗައްމާ ޗައްމާ“ ”ޗީޒް ބަޅީ“ ފަދަ ލަވަ ތަކަކީ އާއްމުންގެ މަޤްބޫލުކަން ހޯދާފައިވާ ލަވަތަކެވެ.