މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މ.މުލި ހުދުފިނިފެންމާގޭ މުޙައްމަދު ނަޝީދު ނިޔާވި މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
2020 ވަނަ އަަހަރު ”އިރުއަލިމަސް“ ކިޔާ ދޯންޏަކުން ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ނަޝީދު (43 އ) ނިޔާވީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
ކަރެކްޝަނުން ބުނެފައިވަނީ, ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދު މީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދިން ކަމަށެވެ. ސީޕީއާރްއަށްފަހު ވެސް، ނޭވާ ނުލުމުން 17:26 ހާއިރު އޭނާ ނިޔާވިކަމަށް ޑޮކްޓަރު ކަނޑައެޅީ ކަމަށެވެ.
އަދަދު ނޫހަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ ނަޝީދު ނިޔާވި މައްސަލައިގައި ކަރެކްޝަނުގެ އިހުމާލެއް ނެތް ކަމަށެވެ. ނަމަވެސް ނަޝީދު ނިޔާވުމުގައި ކަރެކްޝަނުގެ އިހުމާލު އޮތްކަމަށް ޢާއިލާއިން ތުހުމަތު ކުރެއެވެ.