އިތުރު ހުއްޖަތް ނުދައްކަވާ އިސްތިއުފާ ދެއްވުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް، ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް ގޮވާލައްވައިފިއެވެ.
ޠާރިޤް މި ގޮތަށް ގޮވައިލެއްވީ ޝަމީމް ބަނގުރާ ފުޅިއެއް ހިއްޕަވައިގެން ހުންނަވާ ފޮޓޯއެއް ނަންގަވައި، އެ ފޮޓޯ އިންސްޓަގްރާމްގައި ޢާންމުކުރެއްވުމާ ގުޅިގެންނެވެ.
ޝަމީމްގެ އިންސްޓަގްރާމްގައި އެފަދަ ފޮޓޯއެއް ޢާންމުކުރައްވާފައިވާއިރު، ޠާރިޤް ވިދާޅުވީ ޝަމީމަކީ މަޤާމުގެ ހައިސިއްޔަތުން ބަނގުރަލާއި، މަސްތުވާތަކެތީގެ ދަޢުވާ ދައުލަތުން އުފުލަން ހުރި ފަރާތް ކަމަށެވެ.
ނަމަވެސް އޮފީހުގެ މާހައުލުން ބޭރުވުމާއެކު ބަނގުރަލާއެކު އެއްގޯސްވީމައި ދައުލަތުން އުފުލާ ބޮޑެތި މަސްތުވާތަކެތީގެ ދައުވާ ސާބިތު ވާނެގޮތެއް ނޯންނާނެކަމަށް ޠާރިޤް ވިދާޅުވިއެވެ.
”މަޤާމުގެ ހައިސިއްޔަތުން ބަނގުރަލާއި މަސްތުވާތަކެތީގެ ދައުވާ ދައުލަތުން އުފުލަންހުރި ފަރާތް. އޮފީހުގެ މާހައުލުން ބޭރުވުމާއެކު ބަނގުރަލާއެކު އެއްގޯސްވީމައި ދައުލަތުން އުފުލާ ބޮޑެތި މަސްތުވާތަކެތީގެ ދައުވާ ސާބިތު ވާނެގޮތެއް ވިސްނަވާ.“
އެހެންކަމުން ހުއްޖަތް ނުދައްކަވާ އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ޠާރިޤް ވިދާޅުވިއެވެ.