ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ބަނގުރާ ފުޅިއެއް ހިއްޕަވައިގެން ހުންނަވާ ފޮޓޯއެއް ނަންގަވައި، އެ ފޮޓޯ އިންސްޓަގްރާމްގައި ޢާންމުކުރެއްވުމުން ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.
ޖޯޖިއާގައި މިހާރު ހުންނެވި ޝަމީމް އިންސްޓަގްރާމުގައި ހިއްސާކުރެއްވި ފޮޓޯގައިވަނީ މަރަނީ ބްރޭންޑްގެ ރާފުޅިއެކެވެ. އެ ފޮޓޯގައި ”ވެލްކަމް ޓު ޖޯޖިއާ“ މިހެން ޖަހާފައިވެއެވެ.
ފާޑުވިދާޅުވެ މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ”ބަނގުރާ ޖެނެރަލް“ގެ މަޤާމަކީ ދައުލަތުގެ އޮނިގަނޑުގައި ނެތް މަޤާމެއް ކަމަށެވެ. އަދި ޕީޖީ ޝަމީމް މި އުޅުއްވަނީ ޤާނޫނުތަކުގެ މާ މަތީގައިތޯ މަލީހްގެ ޓުވީޓުގައި ރައީސް ޞާލިޙާ ސުވާލުކުރައްވާފައިވެއެވެ.
”ރައީސް އިބޫ މަނިކުފާނުގެ ޕީޖީ މި އުޅުއްވަނީ ޤާނޫނުތަކުގެ މާ މަތީގަތޯ.“
މަލީހް ވިދާޅުވީ ސްޕަ މެޖޯރިޓީ ރައްޔިތުން ހަވާލުކުރީ ޒިންމާތަކާއެކު ކަމަށެވެ.
”އަޅާނެ ފިޔަވަޅު މަނިކުފާނު ނިންމަވާ، ރައްޔިތުން ޒީރޯ ޓޮލަރެންސް ގެންގުޅޭ ކަމެއް.“ މަލީހް ވިދާޅުވިއެވެ.
މީގެ ކުރިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި އެ ބޭފުޅާގެ ޢާއިލާގެ ބޭފުޅުން ބަނގުރަލާއެކު ޕާޓީކުރައްވާ ފޮޓޯއާއި ވީޑިއޯ ވެސް ވަނީ ޢާންމުވެފައެވެ. ނަމަވެސް އެ މައްސަލަ ނުބަލަން ވަނީ ނިންމާފައެވެ.