ފެނަކައިން ކުރާ މަސައްކަތްތައް އެ ގޮތަށް ނުކުރެވޭ ކަމަށްވާނަމަ ސަރުކާރުން ބޭނުންވާ ތަރައްޤީއެއް މިހާ ހަލުވި ސްޕީޑެއްގައި ރަށްރަށަކަށް ނުގެނެވުނީސް ކަމަށާއި, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ހދ.ފިނޭގައި އަލަށް ޢިމާރާތް ކުރެވުނު އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ފެނަކައަކީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެއް ކަމަށެވެ.
“ބުރަ މަސައްކަތްތަކެއް ދައްޗާއި އުނދަގުލުގައި ރެޔާއި ދުވާލު މެދުނުކެނޑި ކުރައްވަމުން އެބަ ގެންދަވާ. މިކަމުގައި އެންމެ އިސްކޮށް ހުންނެވި ފެނަކައިގެ އެމްޑީ އަޙްމަދު ސަޢީދަށާއި އަދި އެ މަނިކުފާނާ އެކުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މިއަދު ފަށްފަށުން ޝުކުރު އަދާކުރަން.“
ރައީސް ވިދާޅުވީ ފެނަކައިގެ މަސައްކަތް އެ ގޮތަށް ނުކުރެވޭ ކަމަށްވާނަމަ ބޭނުންވާ ތަރައްޤީއެއް މި ސްޕީޑަކު ރަށްރަށަކަށް ނުގެނެވުނީސް ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އައިސް ޕްލާންޓްތައް މިހާރު ވަނީ ފެނަކައާ ހަވާލުކޮށްފައެވެ. ރައީސް ވިދާޅުވީ ފެނަކައާމެދުުގައި ޔަގީންކަން އެބައޮތް ކަމަށާއި, ކުރިއަށް މި އޮތް ތަނުގައި ދަތިނުވެ ހުރިހާ މަސްވެރިންނަށް އެ ރަށަކުން އެ ހުރި ސެންޓަރަކުން އައިސް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.