ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޝާހިދު ފުރާވަޑައިގެންފިއެވެ.
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ރާއްޖޭގެ އިއްޒަތްތެރިންގެ ވަފުދެއް ވެސް ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
ޝިންޒޯ އަބޭ އަވަހާރަވީ މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ އެ ޤައުމުގައި ކުރިއަށްދިޔަ އާންމު އެއްވުމެއްގައި ހުންނަވަނިކޮށް މީހަކު ދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބުނު ޒަޚަމްތަކުގެ ސަބަބުންނެވެ. ޓޯކިޔޯގައި އޭނާގެ ޖަނާޒާ ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 27 ގައެވެ.
ޝިންޒޯ އަބޭގެ ޖަނާޒާގައި ބޭރުގެ ގިނަ އަދަދެއްގެ އިއްޒަތްތެރިންނާއި، ސްޓޭޓްތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.