ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ބޭރުގެ މަސް ބޯޓުތައް ވަދެ، ދާއަޅާކަމުގެ ރިޕޯޓެއް ލިބިއްޖެނަމަ ސިފައިން އެކަމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދީގެން ބަލަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ ފަހަކަށް އައިސް ރާއްޖެއިން ބޭރުގެ ބޯޓު ފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއަށް ވަންނަ ތަން ފެންނަ ކަމަށާއި، ވަކިން ޚާއްސަކޮށް އިންޑިއާގެ ބޯޓުތައް ވަންނަ ތަން އެބަ ފެންނަ ކަމަށެވެ. ނަމަވެސް މަސްވެރިން އެ ކަންކަން ރިޕޯޓުކުރުމުން ކޯސްޓުގާޑުން އަޅައިނުލާ ވާހަކަ މަސްވެރިން އެބަ ދައްކާ ކަމަށެވެ.
”މިނިސްޓަރަކަށް ފެނިވަޑައިނުގަންނަވައޭ މިއިން އެއްވެސް ބޯޓެއް. ކޯސްޓުގާޑަކަށް ފެންނަ ކަމަކަށް ނަހަދައޭ މިއިން އެއްވެސް ބޯޓެއް. މަސްވެރިން ރިޕޯޓުކުރީމަ އަޅާނުލާ ވާހަކަ މަސްވެރިން އެހެރީ އެ ވާހަކަތައް ދައްކާފަ. މަސްވެރިން ވެސް މިއަދ ސޯޝަލް މީޑިއާގައި އެ އު ޅެނީ. މަސްވެރިން އެހެނީ އެ ފޮޓޯތަކާއި، އެ ވީޑިއޯތަކާއި، ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ދާއަޅާ ވީޑިއޯތަކާއި ފޮޓޯތަކާ އެއްޗެހި ކޯސްޓުގާޑަށް ފޮނުވީމަ ވެސް ކޯސްޓުގާޑުން އަޅާނުލާ ވާހަކަ މަސްވެރިން އެ ދައްކަނީ“ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ވާހަކަތައް ދޮގުކުރައްވައި ނަޝީދު ވިދާޅުވީ ދާއަޅާކަމުގެ ރިޕޯޓެއް މިނިސްޓްރީ އޮފް ޑިފެންސަށް ނުވަތަ ކޯސްޓުގާޑަށް ލިބިއްޖެނަމަ އެއީ އަބަދުވެސް ހުރިހާ ސަރުކާރެއްގައި ވެސް ސިފައިން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ބަލަމުން ގެންދާ ކަމެއް ކަމަށެވެ. އަދި މިއަދު ވެސް އެކަން ހިނގަމުންދަނީ އެ ގޮތަށް ކަމަށް ޔަގީންކޮށްދެއްވާ ކަމަށެވެ.