އާއްމުކޮށް ހައްޖުގެ ކުރިން ބަދަލުކުރާ ގެފުޅުގެ ކިސްވާ ރޭ ބަދަލުކޮށްފިއެވެ. ގެފުޅުގެ ކިސްވާއަކީ ފަށުވީގެ ފޮތިން ވިޔެފައިވާ އަދި ރަނާއި ރިހީގެ ރޮދިން ޒީނަތްތެރިކޮށްފައި އޮންނަ އުރަކޮޅެކެވެ. ގެފުޅުގެ ކިސްވާ ބަދަލުކުރުމަކީ ހައްޖުގެ ކުރިން އަބަދުވެސް ކުރާ ކަމެކެވެ. ހައްޖު މަހުގެ ފުރަތަމަ ދުވަހު ގެފުޅު ދޮވެ ހަރަމް ފުޅު ޒީނަތްތެރިކޮށް ކިސްވާ ބަދަލުކުރުމަކީ ހައްޖުގެ ސަގާފަތެކެވެ.
އަރަބީންގެ ޒައާމަތުގައި ފެށިގެން ދިޔަ މިކަމަކީ ގެފުޅުގެ ކަރާމަތާއި މާތްކަން މީހުންނަށް އަންގައިދީ މާތްވެގެންވާ ގެފުޅަށް ދޭން ޖެހޭ ގަދަރުދިނުމުގެ ގޮތުން ޢޭރުގެ ފޯރާ ފުދުންތެރި ވިޔަފާރިވެރިންނާއި އަދި އިސްލާމީ ޚިލާފަތުގެ ބޮޑެތި ޚަލީފާއިން ކުރައްވަމުން އައިސްފައިވާ ރަމްޒީ މަސައްކަތްޕުޅެކެވެ. ތާރީޚީ ރިވާޔަތްތަކުގައ އައިސްފައިވާ ގޮތުން ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފައިވަނީ އަހަރަކު 2 ފަހަރެވެ. ނަމަވެސް އުޘްމާނީ ޚިލާފަތުގެ ދުވަސްވަރު، ގެފުޅުގައި އުރަކޮޅު ލައްވަމުން އައީ އަހަރަކު ތިން ފަހަރުއެވެ. އަދި އޭގެ ކުރީގައި ގެފުޅުގެ ކިސްވާ ނުނަންގަވައި މަތި މައްޗަށް އަޅުއްވަމުން ގެންދަވަނިކޮށް އެކަންވެސް ވަނީ އެކަލޭގެފާނުގެ ޚިލާފަތުގައި ބަދަލުކުރައްވާފައެވެ. އޭރުން ފެށީގެން މިހާރާއި ހަމައަށް ކިސްވާ ބަދަލުކުރަނީ ކުރިން އޮންނަ ކިސްވާ ނެގުމަށްފަހުގައެވެ.
650 ކިލޯގެ މި ކިސްވާ ވިޔެފައި ހުންނަނީ ކަޅުފަށުވީންނެވެ، އަދި ކިސްވާ ޒީނަތްތެރިކުރުމުގެ ގޮތުން ކުރެހުންތައް އަޅައި ޤުރްއާން ގެ ކަލިމަފުޅުތައް ކިސްވާގައި ލިޔެފައިހުރެއެވެ. އަދި މިއާޔަތްތައް ލިޔެފައި ހުންނަނީ ރަނާއި ރިހީގެ ރޮދިންނެވެ. މިގޮތުން ކިސްވާގައި 150 ކިލޯގެ ރަނުގެ ރޮއްޖާއި، 50 ކިލޯގެ ރިހި ރޮދި ބޭނުންކޮށްފައި ވެއެވެ. ކިސްވާގައި 41 ބައި އޮންނައިރު ކޮންމެ ބައެއްގެ ދިގުމިނަކީ 14 މީޓަރެވެ. ކޮންމެ އަހަރަކުވެސް ހައްޖު މޫސުމާއި ދިމާކޮށް ގެފުޅުގެ ކިސްވާ މައްޗަށް އުފުލައެވެ.