ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ ކޮންމެ 50 މީހަކަށް ސިއްހީ އޮފިޝަލަކު ހަމަޖައްސާފައިވާނެ ކަމަށް ސައުދީ އަރަބިއާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ 50 މީހުންގެ ކޮންމެ ޓީމަކަށް ވެސް ހަމަޖައްސާފައިވާ ސިއްހީ އޮފިޝަލުގެ ޒިންމާ އަކީ އެ ޓީމުގެ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވޭތޯ ބެލުމެވެ. ޝައްކު ކުރެވޭ އެއްވެސް ކޭހެއް ފެނިއްޖެ ނަމަ ހެލްތު އޮފިޝަލް އެކަން ވަގުތުން ރިޕޯޓް ކުރަން ޖެހޭނެ އެވެ. ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާތީ ސައުދީން އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވަނީ ހައްޖުވެރިންގެ ސިއްހަތަށެވެ.
ހައްޖުގެ އަޅުކަމުގެ ތެރޭގައި ހުރިހާ ވަގުތެެއްގައި ވެސް އުޅެން ޖެހޭނީ އެކަކު އަނެކަކާ ދެމެދު 1.5 މީޓަރުގެ ދުރުމިނުގަ އެވެ. ޓެންޓްތަކުގައި ތިބޭ އިރު ވެސް ކޮންމެ 50 އަކަ މީޓަރަކަށް 10 މީހުންނަށް ވުރެ ގިނައިން ނުތިބެވޭނެ އެވެ.ކޮންމެ ފްލޯއެއްގައި ވެސް އެއްވަގުތެއްގައި ހިލަ އުކަން ތިބޭ މީހުން 50 އަށް ވުރެެ އިތުރެއް ނުވާނެ އެވެ. ޖަމްރާ އަށް ހިލަ އުކަން ދެވޭނީ ކޮންމެ ހައްޖުވެރިއަކަށް ވެސް ކަނޑައެޅިފައިވާ ވަގުތެއްގަ އެވެ. ތަވާފް ވެސް ކުރަން ޖެހޭނީ ގައިދުރުމިން ބަލަހައްޓައިގެންނެވެ.
ހައްޖުގެ ފުރުސަތު ސައުދީން މި އަހަރު ދީފައި ވަނީ ގާތްގަނޑަކަށް 10،000 މީހުންނަށެވެ. ސައުދީގައި ދިރުުޅޭ މީހުންނަށްއެކަންޏެވެ. އޭގެ ތެރޭގައި ސައުދީ ރައްޔިތުންނާއި ބިދޭސީން ވެސް ހިމެނެ އެވެ.