ސައްހަ ހުއްދައެއް ނެތި ހަރަމްފުޅަށް ވަން 936 މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ޕަބްލިކް ސެކިއުރިޓީގެ ޑިރެކްޓަރ ޖެނެރަލް މިއަދު ވިދާޅުވެއްޖެއެވެ.
ސައުދީ ސަރުކާރުން ބުނީ ޙައްޖުވުމުގެ ހުއްދަނެތި ޙަރަމްފުޅު ތެރެއަށް ވަންނަން އުޅުނު މީހުން ހައްޔަރު ކޮށްފައިވާއިރު އެމީހުން ވަނީ، ކޯވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ވެސް ޙިލާފުވެފައި ކަމަށެވެ.ސަޢުދީ އަރަބިއާގެ ސަލާމަތީ ބާރުތަކުން އަންނަނީ ޙައްޖުގެ އަޅުކަމުގެ ކަންކަން މިއަދު ފެށުމާއި އެކު ޙަރަމްފުޅާއި ޙައްޖާ ގުޅިފައިވާ އެހެން ސަރަހައްދުތަކުގައި ސަލާމަތީކަންކަން ވަރުގަދަކޮށް ބަލަހައްޓަމުންނެވެ.މިއަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންދަނީ ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅައިގެންނެވެ.ސައުދީ އަރަބިއްޔާގެ ސަރުކާރުން ކުރިން އިއުލާން ކޮށްފައިވާ ގޮތުގައި ސަރުކާރުގެ ހުއްދަ ނެތި ހަރަމްފުޅަށް ވަންނަން މަސައްކަތް ކޮށްފިނަމަ ފުރަތަމަ ފަހަރު 10000 ސައުދީ ރިޔާލް (2666 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކުރާނެއެވެ. އަދި 15 ދުވަހަށް ޖަލަށް ލާނެއެވެ.ކުށް ދެވަނަ ފަހަރަށް ތަކުރާރު ކޮށްފިނަމަ 25000 ރިޔާލް (6666 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށް ދެމަސް ދުވަހަށް ޖަލަށް ލާނެއެވެ.
އަދި ތިންވަނަ ފަހަރަށް ނަމަ 50000 ރިޔާލް (13331 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށް ހަމަސް ދުވަހަށް ޖަލަށް ލާނެއެވެ.މީގެ އިތުރުން އެހެން ގައުމެއްގެ މީހަކު ނަމަ ޙުކުމް ތަންފީޒުކޮށް ނިމުމާއި އެކު އެނބުރި ދުވަހަކުވެސް ސައުދީ އަށް ނާދެވޭ ގޮތަށް އެމީހަކު ޑީޕޯޓް ކޮށްލަން ވަނީ ނިންމާފައެވެ.