އައްޑޫ ހިތަދޫގައި ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތެއް ހަދާނެ ބަޔަކު ހޯދަން އަލުން ބީލަމަށް ލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރިން އެ މަސައްކަތް ބީލަމަށްލީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ނަމަވެސް ކުރީގެ ބީލަންތައް ބާތިލުކޮށް، އަލުން ބީލަމަށް ހުޅުވާލައި ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ހިތަދޫގައި ހަދާ ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތުގެ ބީލަމުގައި ބައިވެރިވާން 500ރ. ގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ އެވެ. އެކަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 8 އާ ހަމައަށެވެ. މިނިސްޓްރީގެ ވެބްސައިޓުން މިކަމާ ގުޅޭ ލިޔެކިޔުންތައް ޑައުންލޯޑްކުރެވޭނެ އެވެ.
ފިނޭންސް ބުނި ގޮތުގައި މި މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 90،000ރ. ހުށަހަޅަން ޖެހޭނެ އެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު 3349191، 3349147 އަދި 3349106 އިން ލިބޭނެ އެވެ.