ކޮންމެ ކޮންމެ ފިކުރަކަށް ނުހެއްލޭ ހޭލުންތެރި ބަޔަކަށްވުމަށް ޢަޒުމް ކަނޑައެޅުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
2021-2020 ގެ ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ނިންމައި އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ”މަތީ އަރުތަވެރިންގެ އިނާމު“ ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންނާ މުޚާތަބު ކުރައްވައި ވިދާޅުވީ ދަރިވަރުން ހާސިލުކުރާ ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށް ތައްޔާރުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކޮންމެ ކޮންމެ ފިކުރަކަށް ނުހެއްލި، ހޭލުންތެރި ބަޔަކަށްވުމަށް ޢަޒުމް ކަނޑައެޅުމަށް ވެސް އެ މަނިކުފާނު ގޮވައިލެއްވިއެވެ.
”މިރޭގެ އަރުތަވެރިންނަށް އަޅުގަނޑު ގޮވާލާނީ ތިޔަ ދަރިވަރުން ހާސިލުކުރާ ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށް ތައްޔާރުވާށޭ. ކޮންމެ ކޮންމެ ފިކުރަކަށް ނުހެއްލޭ ހޭލުންތެރި ބަޔަކަށްވުމަށް ޢަޒުމު ކަނޑައަޅައިގެން ދުނިޔެއާއި ރާއްޖޭގެ އާޖުފާޖު ދަންނަ މީހަކަށްވެވޭތޯ ގަދައަޅައި މަސައްކަތް ކުރާށޭ“
މީގެ އިތުރުން ރައީސް ވަނީ އިސްލާމީ އަގުތައް ހިފަހައްޓައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ދަރިވަރުންގެ ޒުވާން ހަކަތައިގެ ބޭނުންކުރުމަށް ވެސް ގޮވައިލައްވައިފައެވެ.