އިންސާފު ހޯދުމަށް ކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު އަނިޔާވެރި އަމަލު ނުހިންގަން ފުލުހުން އެދިއްޖެ އެވެ.
ފުލުހުން މިރޭ ބުނީ ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ރާއްޖެގެ ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް އިންސާފު ހޯދުމަށް ކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާ މެދު ރާއްޖޭގެ ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިންގުމަކީ ކަންބޮޑުވާ، މުޖުތަމައުގެ މަސްލަހަތު ގެލިގެން ހިނގާދާނެ ފަދަ އަމަލުތަކެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.
”މިފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށް އިލްތިމާސްކުރަން. އަދި މިފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގަނޫނީ ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން.“ ފުލުހުން ބުންޏެވެ.
ފުލުހުން މިހެން ބުނެފައިމިވަނީ ފިރިހެން ދަރިވަރަކާ ބެހުނު ކަމަށް ބުނާ ފިރިހެން ޓީޗަރަކަށް ހުޅުމާލޭގައި ރޭ ބަޔަކު އަނިޔާކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ފުލުހުން ވަނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ޓީޗަރު ހައްޔަރުކޮށްފަ އެވެ.
ފުލުހުން އޭނާ ރޭ ހައްޔަރުކުރީ ހިޔާ ފްލެޓް ސަރަހައްދުގައި މީހަކަށް އަނިޔާކުރި ކަމަށް 10:00 ޖަހާ އެހާކަށްހާ އިރު ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. މި މައްސަލާގައި އޭނާ ހައްޔަރުކޮށް އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، މި ޓީޗަރު ކުއްޖަކާ ބެހުނު މައްސަލައެއް މި މަހުގެ 15 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.