ސިޔާސީ ޗަރުކޭސް ކުޅުމުގައި އެއްވަނަ ލިބެނީ އެމްޑީޕީއަށް ކަމަށް ވިދާޅުވެ މޯލްޑިވްސް ނެޝަނަލް ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސާ އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވީ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި ކަންކަން ވެދިޔަ ގޮތަށް ޢިޝާރަތް ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ދުންޔާ ވިދާޅުވީ ސިޔާސީ ޗަރުކޭސް ކުޅުމުގައި އެއްވަނަ ލިބެނީ އެމްޑީޕީއަށް ކަމަށެވެ. އަދި މިއީ ޑްރާމާ ކުޅެންވީ ވަގުތެއް ނޫންކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ކުރިން ޕާޓީތެރޭ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދުނެވެ. މައިގަނޑު ސަބަބަކީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ކޮންގްރެސްއަށް ހުށަހެޅުއްވި ޤަރާރަށް ޕާޓީގެ ގިނަ މެންބަރުން ތާއީދު ނުކުރާތީ އުފެދުނު ދެބަސްވުންތަކެވެ.
ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލައްވައި ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދަވަން ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ގޮވައިލެއްވިއެވެ.
ނަމަވެސް ކޮންގްރެސްގެ އެންމެ ފަހު ދުވަހުގެ މެންދުރާ ޖެހެންދެން ވެސް ނަޝީދު ގޮތް ދޫނުކުރެއްވިއެވެ. އެ މައްސަލަ ހޫނުވެފައިވަނިކޮށް ދެން ފެނުނީ ކޮންގްރެސްގެ ތެރެއިން ދެ ރައީސުން މަޝްވަރާ ކުރެއްވި މަންޒަރެވެ. އެއަށްފަހު އެ ދުވަހު ހަވީރު ނަޝީދަށް ޤަރާރު ހުށަހެޅުއްވުމުގެ ފުރުސަތު ދެއްވުމުން ވިދާޅުވީ ޤަރާރު އަނބުރާ ގެންދަވާ ކަމަށެވެ.