ދައުލަތުން ދަރަންޏަށް ނަގާ ފައިސާ ނުވަތަ ދައުލަތް ޒިންމާ ވާ ގޮތަށް ގެރެންޓީ ދޫކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ހޯދަންޖެހޭ ގޮތް ހެދުމަށް މާލިއްޔަތު ޤާނޫނަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފިއެވެ.
މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ހުށަހެޅުއްވި މި ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވޯޓު ނަގާފައެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ބިލު ބޭރުކޮށްލީ 41 މެންބަރުންގެ ވޯޓާއެކުގައެވެ. ބިލު ބަލައިގަންނަން ވޯޓު ދެއްވީ 05 މެންބަރުންނެވެ. އެއީ ޠާރިޤްގެ އިތުރުން ޕީއެންސީއަށް ނިސްބަތްވާ ތިން މެންބަރުންނާއި އަމިއްލަ މެންބަރެކެވެ.
ޠާރިޤް ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ދައުލަތުން ދަރަންޏަށް ފައިސާއެއް ނަގަންވާނީ ނުވަތަ ސަރުކާރުން ގެރެންޓީއެއް ދޭންވާނީ، އެ ދަރަނި ނެގުމުން ނުވަތަ ގެރެންޓީ ދިނުމުގެ ސަބަބުން އިގުތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާ ކުރުމަށްފަހު, ފިނޭންސް މިނިސްޓަރު އެކުލަވައިލައްވާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުމުން އެކަން އެ ގޮތަށް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި, އެ ހުށަހެޅުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވެއްޖެނަމަ ކަމަށެވެ.