ރައްޔިތުންނަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަކީ ދިގުމުއްދަތަކަށް ބަލާއިރު ދެމެހެއްޓެނިވި ކަމެއް ނޫންކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ގޯތި ދިނުމުގެ ކަންކަމާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ކައިރި ނުވަތަ ދުރު މުސްތަގްބަލެއްގައި ވެސް ބަންޑާރައިން ގޯތި ދިނުމަކީ ހުއްޓާލަފާނެ ކަމެއްކަމަށް ސިޔާސީ މީހަކު ވާހަކަ ދެއްކުމަކީ ރަނގަޅު ކަމަކަށް ނުވެދާނެ ކަމަށެވެ. އެހެންނަމަވެސް ބައެއް ރަށްރަށުގައި ގޯތި ދޫކުރުމަށް ބިން ހިއްކާ އިތުރަށް ހިއްކާނެ ބިމެއް ނެތް ހިސާބަށްވެސް ގޮސްފައިވާ ކަމަށާއި، އަދި ރާއްޖޭގެ އާބާދީ އިތުރުވަމުން ދާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ މީގެކުރިއަށް ބަލާއިރު ބަންޑާރަ ގޯތި ދޫކުރުމަކީ އެޒަމާނަށް ރަނގަޅު ކަމެއް ނަމަވެސް، މިހާރު އެކަމަށް ގެންނަންޖެހެނީ ކޮން ބަދަލެއްތޯ ބަލަންޖެހޭ ކަމަށެވެ.
ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރުމަށް ނިންމާފައިވާއިރު އެކަމުގައި ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ އެހެން ރަށްރަށުގައިވެސް ގޯތި ދޫކުރެވެނީ ހިލޭ ކަމަށާއި، އަދި އެކަން ކުރުމުގައި އުސޫލު ހެދޭއިރު އޮންނަނީ އެރަށެއްގެ މީހާއަށް ގޯތިދެވޭގޮތަށް ކަމަށެވެ.
”މާލޭގަ ޖެހުނީމަކާ ނޫން، ނޫނީ އެމީހެއްގެ ރަށުގައި ޖެހުނީމަކާ ނޫން މިކަން ކުރަން ޖެހެނީ. މުޅި ގައުމާ ދޭތެރޭގައި އެއްހަމައަކުން ވިސްނައި، ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ކޮންމެ ތާކުން ވެސް [ގޯތި ލިބެން ޖެހޭ]. އެކަމަކު ހިލޭ ދޭކަމަށް ވަންޏާ އަޅުގަނޑަށް ހަމަ ޔަގީން، ބަންޑާރައިން ދޭ އުސޫލު އޮވެއްޖެ ކަމަށް ވަންޏާ، އެންމެންވެސް ބޭނުންވާނީ އޭނާއަށް ލިބިފައި އެހެން މީހަކަށް ލިބެން.“ މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އޭނާގެ ރަށް ނޫން އެހެން ރަށަކުން ގޯއްޗަށް އެދުމަކީ ރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާކުރާ ކަމެއް ނޫންކަމަށެވެ. ދިވެހި ރައްޔިތެއްކަމަށްވާނަމަ ރާއްޖޭގެ ކޮންމެ ތަނަކުުންވެސް ބިންކޮޅަކަށް އެދެވިދާނެ ކަމަށް ވިދާޅުވިއެވެ.
ރަށްވައްތަ ކަމަކީ ހުރުން ރަނގަޅު ކަމެއް ކަމަށާއި، އެހެންނަމަވެސް މުސްތަގުބަލަށް ވިސްނާ ”ހުޅުވާލެވޭ ހިސާބެއް އަންނަން ޖެހޭ“ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހުޅުމާލެއިން ހިލޭ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް ފެށުމުގައި އެކަމުގައި ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެ އެކަމުގައި ނުރުހުން ފާޅުކުރަމުން އަންނައިރު، އެކަމަށް ތާއީދު ކޮށްވެސް ގިނަ ބަޔަކު ވާހަކަދައްކަމުންއާދެއެވެ.
ގޯ ތި ދޫކުރުމަ ކީ ބޯދާ ކަމެއް. މިޒަމާނު ކޮށްގެން ވާނެކަމެއް ނުން. އެކަމަކު ވަކި ވަރަކަށް ކަނޑަ އެޅޭ އުސޫލަކުން ވިއްކުން މައްސަލަ އެއްނުން.