ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓު އެޓް އާމްސް، މުޙައްމަދު ހަލީމް ވަކި ކުރުމަށް މަޖިލީހުން ފާސްކޮށްފި އެވެ.
ހަލީމް އެ މަގާމުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ 25 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ހަލީމް މަގާމުން ވަކިކޮށްފައިމިވަނީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ހުންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށެވެ. މަޖިލިހުން ހަލީމް ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. ނަމަވެސް އޭނާ ސަސްޕެންޑްކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
މަޖިލީހުގެ ސެކުއުރިޓީ ބެލެހެޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ސާޖެންޓު އެޓް އާމްސްގެ މައްޗަށެެވެ.
މަޖިލީހުގައި ސާޖެންޓް އެޓް އާމްސްގެ މަގާމު އުފެއްދީ 2013 ވަނަ އަހަރު އެވެ. ހަލީމް ސާޖެންޓު އެޓް އާމްސްގެ މަގާމަށް އައްޔަން ކުރީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު އެވެ.