ބޮލީވުޑްގައި އެތައް އަހަރެއް މަސައްކަތް ކޮށްފައިވާ ބަތަލް އަމީތާބު ބައްޗަން ދެވަނަ ފަހަރަށް ކޯވިޑް ޖެހިއްޖެއެވެ.
އޭނާ އަށް ކޯވިޑް ޖެހިފައިވާ ކަން ވަނީ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރި ކޮށް ސަޕޯޓަރުންއާއި ހިއްސާކޮށްފައެވެ. އަދި އޭނާ އާއި އެއްވެސް ފަރާތެއް ކޮންޓެކްޓް ވެފައިވާނަމަ ލަސްނުކޮށް ޓެސްޓް ކުރުމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އުމުރުން 70 އަހަރުގެ އަމީތާބު ވަނީ 2020 ވަނަ އަހަރުގައި ވެސް ކޯވިޑް ޖެހިފައެވެ. އޭނާގެ އިތުރުން ދަރިފުޅު އަބީޝޭކް ބައްޗަން އާއި ދަނބިދަރިފުޅު އައިޝްވާރިޔާ ބައްޗަން ވެސް ވަނީ އެފަހަރު ޕޮޒިޓިވް ވެފައެވެ.
އަމީތާބުގެ އާއިލާ އިތުރު އެއްވެސް ފަރާތެއް ކޯވިޑް ޖެހިފައިވާ ކަން އަދި އިއުލާން ކޮށްފައި ނުވެއެވެ. އަމީތާބް އަކީ ހައި ރިސްކް މީހެއް ކަމުން އޭނާގެ ސަޕޯޓަރުން އަންނަނީ އެކަމާއި ހިތާމަ ފާޅުކޮށް، ސޯޝަލް މީޑިއާގައި އަވަސް ޝިފާއަކަށް އެދެމުންނެވެ.
އަމީތާބް ކޯވިޑް ޖެހުނު އިރުގައި އޭނާ އަންނަނީ “ ކޯން ބަނޭގީ ކަރޯޑް ޕަތީ“ ކުއިޒް ޝޯ ހޯސްޓްކުރަމުން އެވެ. އަދި އަންނަ މަހު ރިލީޒްކުރާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ފުރަތަމަ ފިލްމް ”ބަރަމަސްތްރާ“ އިން އޭނާ ފެނިގެން ދާނެއެވެ.