ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުން ލާޒިމްކޮށް ޓެކްސީގެ ގަވައިދަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.
އިއްޔެ ގެޒެޓްކުރި ގަވައިދުގައިވާ ގޮތުން ޓެކްސީގެ ހިދުމަތްދޭ ހުރިހާ ވަގުތެއްގައި ޑޭޝް ކެމެރާއިން ރެކޯޑްކޮށް އެ ރެކޯޑިން، މަދުވެގެން ހަތް ދުވަހަށް ބަހައްޓަންޖެހޭނެ އެވެ.
މި ގަވައިދަށް އަމަލުކުރަން ފަށާނީ އިއްޔެއިން ފެށިގެން ހަ މަސް ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
މި ގަވައިދުގައި ކާރު ޓެކްސީގެ މިންގަނޑުތަކަށް ގެނައި ބަދަލުގައި ބުނެފައިވާ ގޮތުން ކޮންމެ ޓެކްސީ ކާރެއްގައި ވެސް ދަތުރުތަކުގެ އަގު ލިސްޓު ފެންނަ ގޮތަށް ބަހައްޓަންޖެހެ އެވެ. އަދި ޓެކްސީ ކާރުތައް އެއާކަންޑިޝަން ކޮށްފައި ހުރުމަކީ ވެސް ޝަރުތެކެވެ. ދިމާވާ މައްސަލައެއްގެ ސަބަބުން އެއާކަންޑިޝަން މަސައްކަތް ނުކުރާ ނަމަ އެކަން ފަސިންޖަރުންނަށް ކުރިން އެންގުމާއި އެފަދަ ހާލަތެއްގައި، ވައި ދައުރުވާ ގޮތަށް ޓެކްސީގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމަށް ގަވައިދުގައިވެ އެވެ.
ގަވައިދަށް މިހާރު ވަނީ ”ޕްރައިވެޓް ހަޔަ“ ގެ ހިދުމަތް ދިނުމާ ބެހޭ ބައި އިތުރުކޮށްފަ އެވެ. މިއީ ޓެކްސީ ސެންޓަރެއް މެދުވެރިނުކޮށް މިނިސްޓްރީން އާންމުކުރާ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް މެދުވެރިކޮށް ދޭ ޓެކްސީގެ ހިދުމަތެވެ.
ޓެކްސީގެ ގަވައިދަށް ބަދަލުތަކެއް ގެނެސްފައި މި ވަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ފަހުގެ ތައްޔާރީތައް ވަމުން އަންނަނިކޮށެވެ.