އާންމު ދިރިއުޅުމުގައި އިރުގެ އަވިން އަދި ބޭނުންކުރާ ޕްރޮޑަކްޓްތަކުގެ ސަބަބުންވެސް މޫނުގެ ހަންގަނޑު މިލާ، ބިހި ނެގުމާއި، އެހެނިހެން މައްސަލަތައް ކުރިމަތިވެއެވެ.
ބާޒާރުގައި ވިއްކަން ހުންނަ ހުރިހާ ބިއުޓީ ޕްރޮޑަކްޓްތަކަކީ އަހަރެމެންގެ ހަމާ ގުޅޭ އެއްޗެއްސަށް ނުވާއިރު ފުރަތަމަ ކަމަކަށް ތިމާގެ ހަންގަނޑަށް ފައިދާ ކުރަނީ ކޮންކަހަލަ ޕްރޮޑަކްޓަކުންތޯ ބެލުން މުހިއްމެވެ.
ދުޅަހެޔޮ ހަންގަނޑެއް ހޯދުމަށް އެންމެ ފުރަތަމަ އަދި އެންމެ ފަސޭހައިން ކުރެވޭނެ ކަމަކީ ގަވާއިދުން ހަންގަނޑު ސާފުކުރުމާއި، ޓޯން ކުރުމުގެ އިތުރުން މޮއިސްޗަރައިޒް ކުރުމެވެ. އޮމާން ހަންގަނޑަކަށް މިއީ ވަރަށް މުހިއްމު ކަމެކެވެ.
ކޮންމެ ބިއުޓީ ރޫޓީންއެއްގައި ވެސް ކްލެންސް ނުވަތަ މޫނު ސާފުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހެނދުނު ހޭލުމަށް ފަހު އަދި ނިދުމުގެ ކުރިން ރަނގަޅަށް ތާފަނާ ފެނުން މޫނު ދޮންނާށެވެ. މޫނު ދޮވުމުގެ ކުރިން ރަނގަޅަށް ދެއަތް ތިލަ ދޮންނާށެވެ. އެއީ އަތުގައި ހުންނަ ކިލާ އަދި ޖަރާސީމުތައް ސާފުނުކޮށް މޫނު ދޮންނަ ނަމަ ހަންގަނޑު ރަނގަޅަށް ސާފުނުވާނެތީ އެވެ.
ލޯޝަން، ޑޭ ކްރީމް ފަދަ ތަކެތި ބޭނުން ކުރާނަމަ އަބަދުވެސް އެއް ބްރޭންޑެއްގެ ތަކެތި ބޭނުން ކުރާށެވެ. ތަފާތު އެއްޗެހި ބޭނުންކުރާނަމަ ހަންގަނޑު އެއަށް ހޭނުމަށް އިތުރު ވަގުތު ނަގާނެ އެވެ.
މީގެ އިތުރުން މޭކަޕް ކުރަން ގެންގުޅޭ ބުރުސް ފަދަ ތަކެތި ކޮންމެ ހަފްތާއަކު އެއްފަހަރު ދޮންނަން އާދަ ކުރަން ވާނެ އެވެ. އަދި ގިނަ ގިނައިން ފެން ބުއިމަކީ ވެސް އޮމާން ހަންގަނޑުގެ ފަރުވާ އެކެވެ.