ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެނގިފައިވާ ގޮތުގައި މަބްރޫކްގެ އިސްތިޢުފާގެ ސިޓީވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ފޮނުއްވައިފައެވެ.
މަބްރޫކް އިސްތިޢުފާދެއްވި ސަބަބެއް ނޭނގެއެވެ. މިކަމާ ގުޅިގެން މަބްރޫކުގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި މަބްރޫކު މިހާރު ހުންނެވީ އަނބިމީހާގެ ޤައުމު ކަމަށްވާ ތައިލެންޑްގައެވެ.
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަޤާމުގައި ހުންނަވަނިކޮށް މިނިސްޓަރުންގެ ނައިބުގެ ފެންވަރުގައި މަބްރޫކު ތަރުޖަމާނަކަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުގައެވެ.
ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ ކޮމިއުނިކޭޝަންސްގެ މަޤާމުގައި ހުންނެވި މުޙައްމަދު މިއުވާން މިދިޔަ ހަފުތާގައި އެ މަޤާމުން އިސްތިއުފާ ދެއްވުމުން ރައީސް ޞާލިޙް ވަނީ އެ މަޤާމަށް ޞަފާތު އަޙްމަދު ޒާހިރު އައްޔަންކުރައްވައިފައެވެ.
އެނގިފައިވާ ގޮތުގައި މަބްރޫކް އިސްތިޢުފާ ދެއްވުމުން މިއުވާން މަސައްކަތް ކުރައްވާނީ އެ މަޤާމުގައެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި ރައީސް އޮފީހުގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.