ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގެ ޙަޤީޤަތް މިއަދުގެ ޖީލުތަކަށް އޮޅުވާލައި ފިތުނަ އުފައްދައި އަދި ސިޔާސީ ބޭނުމުގައި މީހުންގެ އަބުރު ކަތިލައި މުޖުތަމަޢުގައި ރުޅިވެރިކަން އުފެދޭ ފަދަ އަމަލުތައް ހިންގައިގެން ސިޔާަސީ ކުރިއެރުން ހޯދަން އެއްވެސް ފަރާތަކުން މަަަސައްކަތް ނުކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.
ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ޕާޓީން މި ގޮތަށް ގޮވައިލީ, ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރި ވަމުންދާ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުން ބައެއް ކަންކަން ރައްޔިތުންނަށް އޮޅުން އެރުން އެކަށީގެންވާކަމަށް ބުނެ މިރޭ ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ ޒަމާނީ ޑިމޮކްރަސީއަށް ކުރި ދަތުރަކީ އޭގައި ގިނަ ބައެއްގެ ބައިވެރިވުން އޮތް ދިގު ދަތުރެއް ކަމަށެވެ. އަދި އެއީ ޒަމާނުއްސުރެ ރާއްޖޭގެ ނިޒާމުތައް އޮތް ގޮތް ޒަމާނާއި އެކަށީގެންވާ ގޮތަށް ބަދަލުކޮށް ރައްޔިތުންނަށް ގިނަ ދާއިރާތަކުން ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ އެ މަސައްކަތަށް އެންމެ ބޮޑު ބާރެއް ލިބިގެންދިޔައީ ރައީސް މައުމޫނުގެ ސަރުކާރުން ރާއްޖޭގެ ޤާނޫނުއަސާސީ އަލުން އެކުލަވައިލުމަށް ނިންމެވި ނިންމެވުމާއި ސަރުކާރުން އޭރު އިއުލާނު ކުރެއްވި އިސްލާހީ މަގު ޗާޓުން ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ދިވެހިން ބޭނުންވާ ވެރިކަމުގެ ނިޒާމެއް ކަނޑައަޅައި ވެރިކަމުގެ ބާރުތައް ވަކިކުރެވި އޭގެ މައްޗަށް އައު ޤާނޫނުއަސާސީއެއް އެކުލެވިގެން ކަމަށެވެ.
”7 އޮގަސްޓު 2008 ގައި ތަސްދީގުކުރެވުނު ފެހި ޤާނޫނުއަސާސީ ވެގެންދިޔައީ ދިވެހިން އުންމީދު ކުރަމުންއައި ޑިމޮކްރެޓިކް ނިޒާމު ރާއްޖެއަށް ދަތުރުކުރުމަށް ކޮށުނު މުހިންމު މަގަކަށެވެ.“ ބަޔާނުގައިވެއެވެ.
”ފެހި ޤާނޫނުއަސާސީއަށް 14 އަހަރު ފުރި އެ ޤާނޫނުއަސާސީގެ ދަށުން ރައީސް މައުމޫނުގެ ސަރުކާރުން ދުނިޔެ ބަލައިގަންނަފަދަ ޑިމޮކްރެޓިކް އިންތިޚާބެއް ބޭއްވިތާ 14 އަހަރު ފުރެންދާއިރު، މިއަދު ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ޑިމޮކްރަަސީ ގެނައުމަށް އޭރުގެ ސަރުކާރުން ކުރު މުއްދަތެއްގެތެރޭގައި ކުރި ބުރަ މަސައްކަތާއި ތަފާތު ފިކުރުގެ އަހުލުވެރިންނަށް ދިން އެއްބާރުލުމުގެ ނަތީޖާ، ކަންކަން އިސްލާހުކުރުމަށް މި ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި ފަރާތްތަކަށް ނެރެވިފައިނުވާ ކަމެވެ.“ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
އެ ގޮތުން ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި, އިންސާނީ ޙައްޤުތަކުގެ ހާލަތާއި، ވާނުވާޖަހައި ޖަލަށްލުމާއި، އިޖުތިމާޢީ ރައްކާތެރިކަމާއި، ކޮރަޕްޝަނާއި ކަންކަމުގައި ސިޔާސީ ނުފޫޒު ފޯރުވުންފަދަ އެތައް ކަމަކަށް އެކަށޭނަ އިސްލާހާއި ކުރިއެރުން އައިސްފައިނުވާކަން ރައްޔިތުން ފާހަގަކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ އަދި މުޖުތަމަޢުގެ ރައްކާތެރިކަމާއި ދީނީ އެއްބައިވަންތަކަންފަދަ ބައެއް ދާއިރާތަކުން މީގެ 14 އަހަރު ކުރިއާ އަޅާބަލާއިރު އެތައް ފިޔަވަޅެއް ފަހަތަށް އަޅާފައިވާކަމަށް ރައްޔިތުން ދެކޭ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
”މި ޕާޓީގެ އިލްތިމާސަކީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގެ ޙަޤީޤަތް މިއަދުގެ ޖީލުތަކަށް އޮޅުވާލައި ފިތުނަ އުފައްދައި އަދި ސިޔާސީ ބޭނުމުގައި މީހުންގެ އަބުރު ކަތިލައި މުޖުތަމަޢުގައި ރުޅިވެރިކަން އުފެދޭ ފަދަ އަމަލުތައް ހިންގައިގެން ސިޔާަސީ ކުރިއެރުން ހޯދަން އެއްވެސް ފަރާތަކުން މަަަސައްކަތް ނުކުރުމެވެ. އަދި ދިވެހިން މި ދެކޭ އަމާން ފަހި މާދަމާ ހޯދުމަށް ދިވެހި ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރުމެވެ.“
އެމްއާރްއެމްއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އެމްޑީޕީ އުފެއްދީ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ގޮސް، ރާއްޖެއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހިފައިވީ ވަގުތެއްގައިކަމަށް ނިމިދިޔަ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނިކޮށެވެ.