ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔާ ސިމިއުލޭޓާ ހިމެނޭ ގޮތަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން އޭވިއޭޝަން އެކަޑަމީއެއް އިފްތިތާހުކޮށްފި އެވެ.
ހއ.ހޯރަފުށީ އެއާޕޯޓުގައި ގާއިމުކުރި މިއެކަޑެމީގެ ފަޔަރ ސިމިއުލޭޓަރގެ ބޭސަލް މަސައްކަތް އިސްނަންގަވައި ދެއްވާފައިވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ކުރީގެ ފަޔަރ އެންޑް ސޭފްޓީ ޑިރެކްޓަރ، އަލްމަރުޙޫމް އަޙްމަދު ފަޔާޒެވެ. ފަޔާޒުގެ ސީދާ ބެލުމުގެ ދަށުން މިމަސައްކަތް ފެށިފައިވަނީ 2021 އޮގަސްޓް މަހުގެ ތެރޭގަ އެވެ.
އަލްމަރުޙޫމް އަޙްމަދު ފަޔާޒު ކޮށްދެއްވާފައިވާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ބޯޑުން ނިންމާފައިވަނީ، ހޯރަފުށީގައި ގާއިމްކުރެވިފައިވާ ފަޔަ ސިމިއުލޭޓަރއަށް ”އަޙްމަދު ފަޔާޒް ފަޔަރ ސިމިއުލޭޓަރ“ ނަމުން ނަން ދިނުމަށެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އިންހައުސް އަދި ރާއްޖޭގެ އެކިއެކި މުއައްސަސާތަކަށް، އޭވިއޭޝަންގެ ދާއިރާއިން ބޭނުންވާ ސިވިލް އޭވިއޭޝަން އެޕްރޫވްޑް ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިންގުމުގެ ޤާބިލްކަން ލިބިފައިވާ މިއެކަޑެމީގައި، ތަޖުރިބާހުރި 20 ޓްރޭނަރުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.
މި އެކަޑަމީގެ މައިގަނޑު މަޤްޞަދަކީ ސްޓާފުންނާއި އޭވިއޭޝަންގެ އެކިއެކި ދާއިރާތަކުން ޤާބިލު އަދި ޙަރުދަނާ، ބަޔަކު ރާއްޖޭގައި އުފެއްދުމެވެ. މި އެކަޑަމީގައި އެކިއެކި ފެންވަރުގެ ފަޔާރ ޓްރެއިނިންގެ އިތުރުން އޭރޯޑްރޯމް އޮޕަރޭޝަންގެ އެކިއެކި ތަމްރީނުތައް ހިންގުމަށް ވަނީ ނިންމާފަ އެވެ.