ހަރުކަށި ފިކުރުގެ ޖަމާޢަތުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދެ މައްސަލައެއް ޖުލައި މަހު ރިޕޯޓުކޮށްފައިވާކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޖެންޑާއިން މިއަދު ބުނީ މިދިޔަ މަހު ޖުމްލަ 204 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށާއި, އޭގެތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ހުށަހެޅި ކަމަށެވެ.
އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި, އެ ގޮތުން އިހުމާލުވުމުގެ 27 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ޖެންޑާއިން ބުންޏެވެ.
އޭގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 15 މައްސަލައާއި, ނަހަމަގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 11 މައްސަލަ ހިމެނެއެވެ. އަދި ޖިންސީ ހާނިއްކައިގެ 11 މައްސަލައާއި, ނަފްސާނީ ހާނިއްކައިގެ 10 މައްސަލައާއި, ގެވެށި އަނިޔާގެ އަމަލެއްކުރާ ތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ ހިމެނެއެވެ.
ހަމައެއާއެކު ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލްކުރުމުގެ 6 މައްސަލައާއި, ހަރުކަށި ފިކުރުގެ ޖަމާޢަތުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ 2 މައްސަލައާއި, ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 2 މައްސަލައާއި, އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ.