ވިލިމާލެ ފަރަށް އަރާފައިވާ ތިލަމާލެ ބްރިޖްއަޅާ ޕްލެޓްފޯމް އެތަނުން ނަގާނެ ކަމަށް އެ މަޝްރޫއު ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފި އެވެ.
ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް އަދިވެސް ޕްލެޓްފޯމް ފުންކުރެވިފައި ނުވާއިރު އޭގެ ސަބަބުން ފަރަށް ގެއްލުންތައް ލިބެމުންދާތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެފްކޮންސް އިން ނެރުނު ބަޔާނެއްގައި ބުނީ ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ކުރިއަށްދަނީ ފަރަށް ގެއްލުން ނުވާނެ ގޮތަކަށް ބަލައިގެން ކަމަށާއި މޫސުން ތަންދޭނަމަ ކުރިއަށް އޮތް ދެ ދުވަސްތެރޭ އެތަނުން އެ ޕްލެޓްފޯމް ނެގޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެކުރިން ވިދާޅުވީ ފަރަށް ލިބުނު ގެއްލުމާއި އެކަމަށް އަރާނެ ޖުރިމަނާއެއް އެނގޭނީ އީޕީއޭގެ އެސެސްމެންޓް ނިމުމުން ކަމަށެވެ. ޕްލެޓްފޯމް ފަރަށް އެރި ނަމަވެސް ބްރިޖް މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދަނިކޮށް ޕްލެޓްފޯމެއް ފަރަށް އަރާފައިވަނީ ޕްލެޓްފޯމް އެންކާ ކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން ޕްލެޓްފޯމްގެ އެންކާއަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ.
Thi burijah vaani kihinehbaa. 1 aharu vandhen kendi neylhi saveykoh vee goih e othee fennan. Bayaku burijeh elhiyas bonukoyah vatabarani sorakah burijeh neylheyne. 2023 ga mi sarukaareh noonnaane. Thi burijuge thanbeh nujehenees jeheyni dhaan.