އަބަދު ވަރުބަލިވެފައި ނުވަތަ ކަންނެތް ވެފައި ހުރުމަކީ އެކަމުން ދިރިއުޅުމަށާއި ސިއްޙަތަށް ނުހަނު ގެއްލުންވާ ކަމެކެވެ.
ކަންނެތް ވާން މެދުވެރިވާ އެންމެ މުހިއްމު އެއް ސަބަބަކީ ކަސްރަތު މަދުވުމެވެ. ހަށިގަނޑަށް ބޭނުންވާ ކަސްރަތު ނުލިބި މީހާ ކަންނެތް ވުމުގެ ސަބަބުން ފަލަވާ ގޮތްވެއެވެ. ދުވަހުގެ ބުރަ ތާވަލުގެ ސަބަބުން ކަސްރަތު ކުރާނެ ވަގުތު ނުލިބުމަކީ މިހާރު އެންމެ ގިނައިން އަޑުއިވޭ ބަހަނާއެވެ. ގޭތެރޭގައި ކުރާ މަސައްކަތްތަކުން ވެސް ކަސްރަތު ލިބެއެވެ. އެގޮތުން ކުނިކެހުމާއި، މޮޕްލުމާއި، ތަށިތައް ދޮވުން ފަދަ ކަންތައްތައް ކޮށްލުމުން ވަރުބަލިކަން ފިލާ ގޮތްވެއެވެ.
ލޭ މަދުވުމަކީ ވެސް ވަރުބަލިވެ ގައިގައި ވަރު ނުހުންނަން ދިމާވާ ކަމެކެވެ. ދަގަނޑުގެ ބައި ނުވަތަ ވިޓަމިން މަދުވުމުން ހަށިގަނޑުގައި ރެޑް ބްލަޑް ސެލްސް ހުރިލެއް މަދުވެ އެވެ. ރެޑް ބްލަޑް ސެލްސް އަކީ ޓިޝޫތަކަށާއި ސެލްތަކަށް އޮކްސިޖަން ފޮނުވައިދިނުމުގެ ޒިންމާ ނަގާ އެއްޗަކަށް ވާތީ ލޭ މަދުވުމުން ވަރުބަލިވެ ހަރަކާތްކޮށް ހެލިފެލިވެ އުޅުމަށް ދަތިވަނީ އެވެ. ބަރާބަރަށް ގަޑިން ގަޑިއަށް ކައި ހެދުމުން ވެސް ކަންނެތް ކަމުން ދުރުކޮށްދެއެވެ.
ރޭގަނޑު ހަމަ ނިންޖަކީ މި ކަމުގައި މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. ހަމަ ނުދި ނުލިބޭ ނަމަ އަބަދު އާފުރިފައި ހުރުމާއި އޮފީހުގެ ނުވަތަ އެނޫން ވެސް މާހައުލް ތަކުގައި އިށީނދެ ނުވަތަ ކޮޅަށް ގިނަ ވަގުތު ހުންނަން އުނދަގޫވެ އަބަދު އޮށޯވެ އޮންނަން ބޭނުންވެއެވެ. މި ކަމުގެ ސަބަބުން މީހާ ކަންނެތް ކޮށްލާ ދިރިއުޅުމުގައި ކުރަންޖެހޭ މުހިއްމު ކަންތަކަށް ފަރުވާ ކުޑަ ކުރެވޭ ގޮތްވެއެވެ.