ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ އަކީ އަބަދުވެސް ފިޓްކޮށް ހުންނަން މަސައްކަތް ކުރާ ފަންނާނެކެވެ.
ޝިލްޕާ އަބަދުވެސް ހާމަކުރާ ގޮތުގައި ކަސްރަތާއި ނުލާ އޭނާގެ ދުވަސް ފުރިހަމަ ނުވާ ކަމަށެވެ. އޭނާގެ ދުވަހުގެ ފެށުމަކީ ވެސް ކަސްރަތު ކަމަށް ޝިލްޕާ ވަނީ ހާމަކޮށްފައެވެ.
މި ފަހުން ޝިލްޕާ ވަނީ އޭނާގެ ކުރިއަށް އޮތް ސީރީޒްގެ ޝޫޓިންގައި އުޅެނިކޮށް ވެއްޓި ފައި ބިނދިފައެވެ. އެގޮތުން ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުން ނަމަވެސް ކަސްރަތު ކުރެވޭނެ ކަން ޝިލްޕާ ވަނީ ހާމަކޮށްފައެވެ.
އޭނާ ވަނީ ގޮނޑީގައި ހުރެ ކުރެވޭނެ ކަސްރަތުތައް ދައްކުވާދޭ ވީޑިއޯއެއް އާއްމުކޮށްފައެވެ. ފައި ބިނދުން ނަމަވެސް އެހެން ގުނަވަންތައް ހުރީ ސަލާމަތުން ކަމަށާއި ކަސްރަތު ކުރެވޭނެ ކަން ހާމަކޮށް އޭނާ ވަނީ އަމިއްލަ ނަފްސުދެކެ ލޯބިވެ އަމިއްލަ ސިއްހަތަށް ބަލާއިން އުޅުމަށް ވެސް ނަސޭޙަތް ތެރިވެފައެވެ.