ރާއްޖޭގައި އިންތިޒާމުވެގެން ހިނގާ ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތް މާ ބޮޑަށް ހަރުދަނާވެ އިތުބާރު ހިފެންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ނަޝީދު އެހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙަށް މިއަދު މެންދުރުފަހު ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ނަޝީދު ވިދާޅުވީ ޢަލީ ޞާލިޙަށް ދިން ނުރައްކާތެރި ހަމަލާ އިންތިހާއަށް ކުށްވެރިކުރައްވާ ކަމަށެވެ.
”ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު ޢަލީ ޞާލިޙަށް މިއަދު ދިން ނުރައްކާތެރި ހަމަލާ އިންތިހާއަށް ކުށްވެރިކުރަން. ރާއްޖޭގަ އިންތިޒާމުވެގެން ހިނގާ ހަރުކަށި ފިކުރުގެ އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތް މާ ބޮޑަށް ހަރުދަނާވެ އިތުބާރު ހިފެންޖެހޭ.“
ޢަލީ ޞާލިޙަށް ހަމަލާދިނީ މިއަދު މެންދުރުފަހު 13:30 ހާއިރު ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރަ ކައިރިން ސައިކަލުގައި ދަނިކޮށް އައި މީހެކެވެ. ތޫނު އެއްޗެއް ހިފައިގެން ހުރި މީހާ ހަމަލާދޭން އުޅުނީ ސީދާ ޢަލީ ޞާލިޙްގެ ކަރަށެވެ. ނަމަވެސް ހަމަލާ ދިފާޢުކުރައްވަން އަތް ނެންގެވުމުން ހަމަލާ އަމާޒުވީ އަތަށެވެ. އެ ގޮތުން ޢަލީ ޞާލިޙްގެ އަތް ޒަޚަމްވިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ހައްޔަރުކުރީ މިދިޔަ ޖުލައި 01 ވަނަ ދުވަހު ހުކުރު ވަގުތު ކިންގް ސަލްމާނު މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގި މީހާއެވެ. އޭނާ މިއަދު ވަނީ ޝައިޚް ޢިއްޒުއްދީނު އަދުނާނަށް ވެސް މަރުގެ އިންޒާރު ދީ, ހަމަލާދޭން މަސައްކަތްކޮށްފައެވެ.
E ee budhi filaafa thibey fi kuru