މޯލްޑިވްސް މީޑިއާ ކައުންސިލުގައި މިހާރު ތިބި މެންބަރުންގެ ދައުރު އަންނަ ޑިސެމްބަރަށް ހަމަވާތީ، އެ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މެންބަރުކަމަށް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވާ ބުދަ ދުވަހުގެ 14:00 އެވެ.
މީޑިއާ ކައުންސިލުގައި ތިބޭނީ 13 މެންބަރުންނެވެ. އެއީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި، ޢާންމު ހަ މެންބަރުންނެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލަނީ މީޑިއާ އާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.
މީޑިއާ ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ގޮތުން ދެ އަހަރުކަމަށްވާއިރު އެއްވެސް ފަރާތަކަށް ވިދިވިދިގެން ދެ ދައުރެއް އަދާނުކުރެވޭނެއެވެ. މިހާރު ތިބި މެންބަރުންގެ ދައުރު ހަމަވާނީ ޑިސެމްބަރުގެ 14 އަށެވެ.