ސިވިލް ކޯޓްގެ އިސްގާޒީ ކަމުގެ މަގާމުގައި ހުންނެވި ގާޒީ އަބްދުﷲ އަލީ ރިޓަޔާ ކުރައްވައިފިއެވެ.
ގާޒީ އަބްދުﷲ އަލީ ރިޓަޔާ ކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައަޅާފައިވަނީ މީގެ ދުވަސް ކޮޅެއްކުރިންނެވެ. އެ ހުށައެޅުމާއި ގުޅިގެން ޖޭއެސްސީއިން ވަނީ އޭނާގެ ރިޓަޔާމެންޓް ގަބޫލުކުރުމަށް ނިންމާފައެވެ.
ސިވިލްކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަބްދުﷲ އަލީ ރިޓަޔާ ކުރުމަށް ނިންމެވުމާއި ގުޅިގެން ސިވިލްކޯޓްގެ ހިންގުން ވަގުތީ ގޮތުން ސިވިލްކޯޓްގެ ގާޒީ އަލްއުސްތާޒް އަހުމަދު ނިމާލް ޖުނައިދު އާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ.
ގާޒީ އަބްދުﷲ އަލީ ސިވިލްކޯޓްގެ އިސްގާޒީ ކަމަށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގައެވެ.
ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވާފައިވާ އަބްދުﷲ އަލީ އަކީ ގިނަ އަހަރު ތަކެއްވަންދެން މެޖިސްޓްރޭޓްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.