އަމިއްލަފުޅަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި އަހަރުތަކެއް ވަންދެން ހުންނެވުމަށްފަހު ކުރީގެ ޓްރާންްސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް މިއަދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
އަމީން ރާއްޖެ ދޫކުރައްވައި އިނގިރޭސިވިލާތަށް ވަޑައިގަތީ 2015 ގައި ބޭއްވި މޭޑޭ އެއްވުމާއި ގުޅިގެން އެ ރޭ ހައްޔަރުކޮށް މަސްދުވަސް ވަންދެން ޖަލުގައި ބެހެއްޓުމަށްފަހު ދޫކޮށްލުމުންނެވެ.
އަނބިކަނބަލުންނާ ދެ ބޭފުޅުންނާއެކު އަމީން އެނބުރި ރާއްޖެ ވަޑައިގަތީ މިއަދު މެންދުރު ކުރީގައެވެ. އަމީންއަށް މަރުހަބާ ވިދާޅުވުމަށް ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމާއި އެ ޕާޓީގެ އިސް ބޭފުޅުން އެއާޕޯޓަށް ވަޑައިގަތެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދާއި, މިހާރުގެ ހޯމް މިނިސްޓަރު އިމްރާނުގެ އިތުރުން އަމީނަކީ 2015 ގައި ބޭއްވި މޭޑޭގެ އެއްވުން ލީޑުކުރެއްވި ބޭފުޅުންނެވެ. އޭގެފަހުން ޢަލީ ވަޙީދާއި އަމީން އިނގިރޭސި ވިލާތަށް ވަޑައިގެންނެވީއެވެ. ނަމަވެސް އިމްރާނަކަށް ވަޑައިގެންނެވޭ ގޮތެއް ނުވިއެވެ.