އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހުގެ ގައިގައި ކަޓަރު އަޅައި ޒަހަމްކޮށްލައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނުކަންވެސް ކުރައްވަމުން ގެންދަވާ އަލީ ސޯލިހުގެ ގައިގައި ކަޓަރު އެޅީ ހުޅުމާލޭގައި ސައިކަލުގައި ދަނިކޮށް، އެހެން ސައިކަލެއްގައި އައި މީހެކެވެ.
އަލީ ސޯލިހު ވިދާޅުވި ގޮތުގައި، ހަމަލާދިން މީހާ މަސައްކަތް ކުރީ ކަރުގައި ކަޓަރު އެޅުމަށެވެ. ނަމަވެސް ކަޓަރު ނެގުމާއެކު ސައިކަލު ދުއްވާލަން ހިފާލުމުން ކަޓަރު އެޅިފައި ވަނީ އަތާއި ބުރަކަށީގައި ކަމަށް ވިދާޅުވި އެވެ.

ހަމަލާގައި މާބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް އަލީ ސޯލިހަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.