ކމަސްތުވާތަކެއްޗާއި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކ. މާފުށީގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން ހައްޔަރުކުރީ މާފުއްޓަށް ބަނގުރާ އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުން އެ ރަށުން ހުއްޓުވައި، ބަލައި ފާސްކުރި އިރު 47 ފުޅި ބަނގުރާ ފެނުމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އެކަކަށް 10 ދުވަހުގެ މުއްދަތު ދީފައިވާއިރު އަނެއްމީހާ ވަނީ ދޫކޮށްލާފައެވެ.
މާފުށި ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.