ޑާކް ސާކަލްސް ނުވަތަ ލޯ ކައިރި ކަޅުވުމަކީ ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ.
އިންސާނާއަށް ބޭނުންވާ ވަރަށް ނިދި ނުލިބުމަކީ ލޯކައިރި ކަޅުވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. ލޮލުގެ ދަށުގައި ހުންނަ ހަންގަނޑަކީ ތަފާތު ހަންގަނޑެކެވެ. މި ހަންގަނޑަކީ ތުނި ހަންގަނޑަކަށް ވުމާއެކު އެކަށީގެންވާ މިންވަރަށް ނިދި ނުލިބުމަކީ ލޯ ކައިރީގައި ލޭ ދައުރުވާ މިންވަރު އިތުރުވެ، ލޯ ކައިރި ކަޅުވުމަށް މެދުވެރިވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމަކީ ހަންގަނޑު ޑީހައިޑްރޭޓްވެ، ލޯ ކައިރި ކަޅުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ލޯ ކައިރީގައިވާ ލޭހޮޅިތައް ފުޅާވެ، ލޯ ކައިރި ކަޅުވެގެންދެއެވެ.
މިކަމަށް ފަރުވާ ހޯދުމަށް ސެލޫން އަކަށް ނުވަތަ ސްޕާ އަކަށް ދިއުމުގެ ބޭނުމެއް ނެތެވެ. ގޭގަައި އާންމުކޮށް ބޭނުން ކުރާ އެއްޗެހިންވެސް ހައްލު ކުރެވިދާނެއެވެ.
އެގޮތުން ގަނޑުފެން ނުވަތަ ކޯލްޑް ކޮމްޕްރެސަކީ ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް ވަރަށް ގިނަ މީހުން ބޭނުން ކުރާ އެއްޗެކެވެ. ކޮންމެ ދުވަހަކުވެސް ލޯ ކައިރި ކަޅުވެފައި ހުންނަ ހިސާބުގައި ގަނޑުފެން އެޅުމުން މޫނުމަތި ތާޒާވެ ލޯކައިރި އަލިވާނެއެވެ.
މީގެ އިތުރުން ކިއުކަންބާއާއި ލުނބަލަކީ ޒަމާނުއްސުރެ ހަންގަނޑު ރީތިކުރުމަށް ބޭނުން ކުރާ ދެބާވަތެވެ. މި ދެ ބާވަތް އެއްވަރަކަށް އެއްކޮށްލުމަށް ފަހު ކަފަކޮޅަކުން ކަޅުވެފައިވާ ބައިގައި ހާކާލާށެވެ. އަދި 15 މިނެޓު މަޑުކޮށްލުމަށް ފަހު ތާފެނާ ފެނުން ދޮވެލާށެވެ. ހަފްތާއެއްގެ ތެރޭގައި ނަތީޖާ ފެންނަން ފަށާނެއެވެ.