ޕާޓީތެރޭގައި އުފެދިފައިވާ މައްސަލަތައް ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ހައްލުކޮށްދެއްވާނެކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.
ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ރައީސް ނަޝީދު ހުށަހެޅުއްވި ޤަރާރާ ގުޅިގެން އުފެދުނު ޚިޔާލުވުންތަކަށްފަހު އެމްޑީޕީ ކޮންގްރެސް ނިންމައިލީ މިއަދު ހަވީރުއެވެ.
ރައީސް ޞާލިޙާ މަޝްވަރާކުރެއްވުމަށްފަހު ނަޝީދު ވަނީ ޤަރާރު އަނބުރާ ގެންދެވިކަން ކޮންގްރެސްގައި ހާމަކުރައްވައިފައެވެ.
އެއަށްފަހު ނަޝީދު ވަނީ ފައްޔާޟަށް ތަޢުރީފު ކުރައްވައި ވާހަކަދައްކަވައިފައެވެ. ވިދާޅުވީ އެ މަނިކުފާނު ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރެއްވިއިރު ފައްޔާޟަކީ އަލަށް ވޯޓު ޙައްޤުވި ބޭފުޅެއް ކަމަށެވެ. ނަމަވެސް މިއަދު ޗެއާޕާސަންގެ މަޤާމުގައި އިންނަވާތަން ދެކޭން އިންނެވުމަކީ ލިބޭ އުފަލެއްކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގައި ހުރި މައްސަލަތައް ހައްލުކުރަން ފައްޔާޟް މަސައްކަތް ކުރައްވާނެކަން ޔަޤީން ކަމަށެވެ. އަދި ޕާޓީއާއެކު ކުރިއަށް ދިއުމަށް ވެސް ފައްޔާޟް މަސައްކަތް ކުރައްވާނެކަން ކަށަވަރު ކަމަށެވެ.