އެމްޑީޕީ އެކައްޗެއް ކިޔައިގެން ކުރިއަށް ގޮސްފިނަމަ އެ ޕާޓީއަކީ ނުހުއްޓުވޭނެ ޕާޓީއެއްކަމަށް އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ނިމުމުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ފައްޔާޟް ވިދާޅުވީ އެމްޑީޕީގެތެރޭގައި ހުރި ނުތަނަވަސްކަމެއްގެ ސަބަބުން ކޮންމެ ވެސް ވަރަކަށް އިދިކޮޅު ފަރާތްތަކަށް ޖާގަތަކެއް ޙަޤީޤަތުގަ މިއަދު ލިބިފައިވާ ކަމަށެވެ. ނަމަވެސް ޕާޓީ ވަރުގަދަކޮށް އެކަތިގަނޑަކަށް ހަދައިގެން މި ޤައުމުގައި ބާއްވާ އިލެކްޝަންތައް ކާމިޔާބުކޮށް ރައްޔިތުން ބޭނުންވާފަދަ އަދުލުވެރި އިންސާފުވެރި މިނިވަން ޤައުމެއްގެ ގޮތުގަ ހަދަން ކުރާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.
ފައްޔާޟް ވިދާޅުވީ އެމްޑީޕީ އެކައްޗެއް ކިޔައިގެން ކުރިއަށް ގޮސްފިނަމަ އެ ޕާޓީއަކީ ނުހުއްޓުވޭނެ ޕާޓީއެއްކަމަށެވެ.
”އަޅުގަނޑުމެންނަށް އެކައްޗެއް ކިޔައިގެން ކުރިއަށްދެވޭކަމަށް ވަންޏާ އަޅުގަނޑުމެންނަކީ ހަމަ އަންސްޓޮޕަބަލް ފޯސްއެކޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑުމެންގެ ހުރި ނުތަނަވަސްކަމެއްގެ ސަބަބުން ކޮންމެ ވެސް ވަރަކަށް އަޅުގަނޑުމެން އިދިކޮޅު ފަރާތްތަކަށް ޖާގަތަކެއް އަސްލު ޙަޤީޤަތުގަ މިއަދު ލިބިފަ އޮތީ. އިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަދު މި ލިބުނު ބޮޑު ކާމިޔާބީއާ އެއްކޮށް އަޅުގަނޑުމެންގެ ޕާޓީ ވަރުގަދަކޮށް އެކަތިގަނޑަކަށް ހަދައިގެން އަޅުގަނޑުމެން މި ޤައުމުގަ އިލެކްޝަންތައް ކާމިޔާބުކޮށް އަޅުގަނޑުމެން ބޭނުންވާފަދަ އަދުލުވެރި އިންސާފުވެރި މިނިވަން ޤައުމެއްގެ ގޮތުގަ ހަދަން ކުރާ މަސައްކަތް އަޅުގަނޑުމެން ހަމަ ކުރިއަށް ގެންދާނަން.“
ޕާޓީތެރޭގައި އުފެދިފައިވާ ދެބަސްވުމުން އެއްބަސްވުމަކަށް އާދެވި, ކޮންްގްރެސް ނިންމައިލުމުން ފަހުބަސް ވިދާޅުވާން ލިބިވަޑައިގަތް ފުރުސަތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވިދާޅުވީ ޕާޓީން ކަނޑައަޅާ ކެންޑިޑޭޓް ގޮވައިގެން އެންމެން އެކުގައި ނިކުންނަންވާނެ ކަމަށާއި, އެއީ ބޮޑު ޕާޓީއެއް ކަމަށާއި, ތާއީދު ބޮޑު, ސިޔާސަތުތައް ފުރިހަމަ ޕާޓީއެއް ކަމަށެވެ.
”އަޅުގަނޑު ހިތުން ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ވެސް އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ.“ ރައީސް ވިދާޅުވިއެވެ.