ކޯލިޝަނަކާ ނުލާ އިންތިޚާބު ކާމިޔާބުކުރަން އަދި ގޮންޖެހުންތަކެއް އެބަހުރިކަމަށް އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ނިމުމުން ނޫސްވެރިއަކު ވަނީ ކޯލިޝަނަކާ ނުލައި އަންނަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެކަމަށް ގަބޫލުކުރައްވަންތޯ ސުވާލު ދަންނަވައިފައެވެ.
ޖަވާބުގައި ފައްޔާޟް ވިދާޅުވީ އެކަމުގައި އަދި ގޮންޖެހުންތަކެއް އެބަހުރިކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ޤައުމު އޮތް ހާލަތަށް ބަލާއިރު ވީހާވެސް ގިނަ ބަޔަކާ އެއްކޮށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ފައްޔާޟް ވިދާޅުވިއެވެ. ސަރުކާރު އުފެއްދުމުގައި ކޯލިޝަން އޮތަސް ނެތަސް ގިނަ މީހުންނާ އެއްކޮށް މަސައްކަތްކޮށް، މި ޤައުމުގައި ޑިމޮކްރެޓިކް، މިނިވަން، އަދުލުވެރި، އިންސާފުވެރި، މުޖުތަމަޢުއެއް ބިނާކުރަން ވަރަށް ގިނަ މަސައްކަތް އެންމެން ވެސް ކުރަން އެބަޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އެކަމުގަ އަދި އެބަހުރި އަޅުގަނޑުމެނަށް ގޮންޖެހުންތަކެއް އަޅުގަނޑު ދެކޭ ގޮތުގަ އަދި ހަމަ ޑިމޮކްރަސީ އަޅުގަނޑުމެން ބަދަލުވެގެން ބައެއްފަހަރު ޑިމޮކްރަސީގެ ހެޔޮތަކެއް ލިބި އަނެއްކާ އޭތި އަނބުރާ ޑިކްޓޭޓާޝިޕަކަށް ބަދަލުވެ އަނެއްކާ ވެސް އަޅުގަނޑުމެނަށް ފުރުސަތުތަކެއް ލިބިފަ މި އޮތީ. އެހެންވީމަ އަދިއެއް އެފަދަ މި ޤައުމު މިއަދު މި ދެކެމުންދާ ކަހަލަ ބަދަލުތަކަކަށް ހަރުލާފައެއް ނޫން މި އޮތީ. އެހެންވީމަ ވީހާވެސް ގިނަ ބަޔަކާ އެއްކޮށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް އަޅުގަނޑު ދެކޭ ގޮތުގަ.“ ފައްޔާޟް ވިދާޅުވިއެވެ.
ކޮންގްރެސް ނިމުނުފަހުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބާ ހަމައަށް ވެސް ސަރުކާރު ކޯލިޝަން ދެމިއޮންނާނެ ކަމަށާއި، ނަމަވެސް ރިޔާސީ އިންތިޚާބަށް ތައްޔާރުވާއިރު ކޮންމެހެން މިހާރު އޮތް ކޯލިޝަނާއެކު އޮންނާކަށް ނުޖެހޭކަމަށެވެ. އެކަމަކު އެ މަނިކުފާނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަމަށް ކަނޑައެޅިއްޖެނަމަ ކޯލިޝަނެއް އެކުލަވައިލަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.