އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވާއިރު ކޮންމެހެން މިހާރު އޮތް ކޯލިޝަނާއެކު އޮންނާކަށް ނުޖެހޭކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސް ނިމުނުފަހުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބާ ހަމައަށް ވެސް ސަރުކާރު ކޯލިޝަން ދެމިއޮންނާނެ ކަމަށެވެ. ނަމަވެސް އެ މަނިކުފާނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަމަށް ކަނޑައެޅިއްޖެނަމަ ކޯލިޝަނެއް އެކުލަވައިލަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
”އިންތިޚާބަށް ތައްޔާރުވާއިރުގަ ކޮންމެހެން މި ކޯލިޝަނެއް އޮންނާކަށް ނުޖެހޭ. އެކަމު ކޯލިޝަނެއް އެކުލަވައިލުމަށްޓަކައި އަޅުގަނޑު ކެންޑިޑޭޓަކަށްވެއްޖިއްޔާ އަޅުގަނޑު މަސައްކަތް ކުރާނެ.“
ރައީސް ވިދާޅުވީ މިހާރު މި އޮތް ކޯލިޝަނުގެ ތެރެއިން ބޭފުޅަކު އިންތިޚާބަށް ވާދަކުރައްވަން ނިންމެވި ނަމަވެސް ވަކި ހިސާބަކުން ވަކިވާނެ ކަމަށެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އަދިވެސް ރާއްޖެއަށް ރަނގަޅީ ކޯލިޝަން ސަރުކާރެކެވެ.