ކޮވިޑާ ގުޅިގެން ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުރިހަމަކުރަން އެދުނު ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ފުރިހަމަކޮށްފައިނުވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.
ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދަޢުވާކުރަން އެދި އޭސީސީން ޕީޖީއަށް ތިން ފަހަރެއްގެ މަތިން ފޮނުވިއެވެ. އެ މީހުންގެތެރޭގައި ހިމެނެނީ ކުރީގެ ހެލްތު މިނިސްޓަރު އަމީނާއި, ހެލްތު މިނިސްޓްރީގެ 10 މުވައްޒަފުންނެވެ. ހަތަރުވަނަ ފަހަރަށް މިދިޔަ ޖޫންމަހުގައި ފޮނުވީ ޑިއުޓީ ޕްރޮސެކިއުޝަނަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަޙްމަދު ޝަފީޢު ވިދާޅުވީ އެ މައްސަލައިގައި ދަޢުވާކުރަން އެދި ފޮނުވުމުން ތަޙްޤީޤު ފުރިހަމަކުރަން އެދިފައިވާނެ ކަމަށެވެ. ފުރިހަމަ ކުރަން އެދުނު ކަންކަމުގެ ތެރޭގައި ވެންޓިލޭޓަރުގެ އެއްބަސްވުން އެކުލަވާލައިފައިވާ ގޮތާއި, އެ މައްސަލައިގައި ފައިސާ ދައުރުވި ގޮތް ބެލުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
ޝަފީޢު ވިދާޅުވީ އޭސީސީން އެންމެ ފަހުން މައްސަލަ ފޮނުވިއިރު އެ ބައިތައް ވެސް ފުރިހަމަވެފައިނުވާ ކަމަށެވެ.
މި މައްސަލައިގައި އޭސީސީން މިހާރު ވަނީ އަމީނާއި އިތުރު ހަތް މީހެއްގެ މައްސަލަ ފައިލްކޮށްފައެވެ. ބާކީ ތިބި މީހުންގެ މައްސަލައިގައި މަޝްވަރާކޮށްގެން ދަޢުވާކުރުމާމެދު ގޮތްތަކެއް ހޯދަމުންދާ ކަމަށް އޭސީސީން ބުނެއެވެ. ނަމަވެސް ދަޢުވާކުރުމާމެދު ގޮތްތަކެއް ހޯދަމުންދަނީ ކޮން ތިން މުވައްޒަފެއްގެ މައްޗަށްކަމެއް އަދި ސާފެއް ނުވެއެވެ.
ކަރަޕްޝަން ކޮމިޝަން ވެސް މިއޮތީ ކަރަޕްޓް ވެފައި. ދައުވާ ތައް ފުރިހަމަ ނުކޮށް ތަހްގީޤު ނުކޮށް މައްސަލަ އޮއްބާލަނީ.