ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލުމާމެދު ދެ ރައީސުންގެ މެދުގައި އޮތް އަރައިރުންގަނޑަށްފަހު, އެކުގައި ތިއްބަވައިގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން މޮޅުވާނެކަމަށް ވިދާޅުވެެއްޖެއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައްވައި އެމްޑީޕީގެ ކޮންގްރެސްއަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދަވަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެދިވަޑައިގަތުމުން މިއަދުގެ މެންދުރާ ހަމައަށް ވެސް އެކަމާ ދެކޮޅު ހެއްދެވިއެވެ. ޤަރާރަށް މާ ބޮޑު ތަރުހީބެއް ނުލިބުމުން އެންމެ ފަހުން ނަޝީދު ވަނީ ޤަރާރު އަނބުރާ ގެންދެވިކަން މިއަދު ހަވީރު އިއުލާނުކުރައްވައިފައެވެ.
އެ ގޮތަށް ނިންމެވީ ދެ ރައީސުން މަޝްވަރާކުރެއްވުމަށްފަހު ކުރިއަށް އޮތް ތަނުގައި އެކަމަށް ގޮތެއް ނިންމުމަށް އެއްބަސްވެގެންނެވެ.
ކޮންގްރެސްގައި ފަހުބަސް ވިދާޅުވާން ފުރުސަތު ލިބިވަޑައިގަތުމުން ރައީސް ޞާލިޙް ވިދާޅުވީ ދެން ވިސްނުން ބަހައްޓަންވީ ކުރިއަށް މި އޮތް ރިޔާސީ އިންތިޚާބަށް ކަމަށެވެ. އަދި އެކަތިގަނޑެއްގެ ގޮތުގައި ތިބެ,ވާދަވެރިން ކުރިއަށް އޮތް އިންތިޚާބުން ބަލިކުރުމަށް އެއް އަޒުމެއްގައި ނިކުންނަންވީ ކަމަށެވެ.
ރައީސް ވިދާޅުވީ ޕާޓީން ކެންޑިޑޭޓެއް ކަނޑައަޅާނެ ކަމަށާއި, ޕާޓީގެ ގަވާއިދުގައި އެކަން ކުރަންވީ ގޮތް އެބައޮތް ކަމަށެވެ.
“ޕާޓީން ކަނޑައަޅާ ކެންޑިޑޭޓް ގޮވައިގެން އަޅުގަނޑުމެން އެންމެން އެކުގައި ނިކުންނަންވާނެ. މިއީ ބޮޑު ޕާޓީއެއް. މިއީ ތާއީދު ބޮޑު ޕާޓީއެއް. މިއީ ސިޔާސަތުތައް ފުރިހަމަ ޕާޓީއެއް. އަޅުގަނޑު ހިތުން ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ވެސް އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ.“
ފަހުބަސް ވިދާޅުވާން ފުރުސަތު ލިބިވަޑައިގަތުމުން ނަޝީދު ވިދާޅުވީ އެންމެން އެކުގައި ތިބެ އެއް ޚިޔާލެއްގައި ތިބެއްޖެނަމަ ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި އެތައް ޒަމާނެއް ވަންދެން ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމި ތިބެވޭނެ ކަމަށެވެ.