ހިންމަފުށީގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ފަސް މީހުންގެތެރެއިން ތިން މީހުން ދޫކޮށްލައިފިއެވެ.
ހިންމަފުށީ ގެސްޓު ހައުސްއަކަށް ވަދެ އެ ތަނުގެ ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހުގެ ހަވީރުއެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ރޭގ ވަގުތެެއްގައި 32 އަހަރުގެ ފިރިހެނަކު ހައްޔަރުކުރިއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުތަކާއެކު ދޫކޮށްލައިފައެވެ.
32 އަހަރުގެ މީހާ ހައްޔަރުކުރުމުން އެ ރޭގެ މެންދަމުގެ ވަގުތެއްގައި ބަޔަކު ގެސްޓުހައުސް ކައިރީގައި ހަމަނުޖެހުން ހިންގިއެވެ. އެ މައްސަލައާ ގުޅިގެން 20 އަހަރުގެ މީހަކާއި, 27 އަހަރުގެ މީހަކާއި, 29 އަހަރުގެ މީހަކާއި, 37 އަހަރުގެ މީހަކު ހައްޔަރުކުރިއެވެ.
ފުލުހުން މިއަދު ބުނީ އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހަކު ދޫކޮށްލައިފައިވާ ކަމަށެވެ. އަނެއް ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިފައިވާކަމަށާއި, މައްސަލަތައް ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.