އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދަވަން ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމުމެއްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ފެށުނީ ހުކުރު ދުވަހުގެރޭގައެވެ. ކޮންގްރެސްގެ އެންމެ ފަހު އައިޓަމަކަށް އޮތީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނަޝީދު ހުށަހެޅުއްވި ޤަރާރަށް ބަހުސްކޮށް ގޮތެއް ނިންމުމެވެ.
ކޮންގްރެސްގެ ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ވަނީ ޤަރާރު ހުށަހަޅަން ނަޝީދަށް ފުރުސަތު ދެއްވައިފައެވެ. ނަމަވެސް ރައީސް ޞާލިޙާއެކުގައި ސްޓޭޖަށް ވަޑައިގެން ނަޝީދު ވިދާޅުވީ ޤަރާރާ ގުޅޭ ގޮތުން ރައީސް ޞާލިޙާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ދެ ބޭފުޅުންނަށް އެއްބަސްވެވުނީ ނިޒާމީ މަޝްވަރާ އިތުރަށް ކުރިއަށް ގެންދަވަން ކަމަށާއި، މި ވަގުތަށް ޤަރާރު ބާއްވާފައި ކޮންގްރެސްގައި މަޝްވަރާ ނުކުރަން ނިންމާފައިވާ ކަމަށެވެ.
އެއަށްފަހު ރައީސް ޞާލިޙް ވިދާޅުވީ ނަޝީދުގެ ހުށަހެޅުން ކުރިއަށް ނުގެންދަން ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ 19 ވަނަ ދުވަހުގެރޭ ކޮންގްރެސް ފެށިއިރު ޚިޔާލު ތަފާތުވުންތައް ހުރި ކަމަށާއި, އޭގެތެެރެއިން އެންމެ ބޮޑު ޚިޔާލުތަފާތުވުމެއް އޮތީ ރައީސް ނަޝީދު ހުށަހެޅުއްވި ޤަރާރާ ގުޅިގެން ކަމަށެވެ.
”މިދިޔަ ދެ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި ތަނުގައި ހަރަކާތްތެރިވަމުންދިޔައިރު ވެސް އަޅުގަނޑުމެންގެ މި ޓެންޝަން ހުރި. އެހެންނަމަވެސް މިއަދު ކޮންގްރެސް ނިމިގެން މިދަނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑު ދެކޭ ގޮތުގައި ފުރިހަމަ މެޗުއަރ ޕާޓީއެއްގެ ގޮތުގަ.“
ަރައީސް ވިދާޅުވީ ކޮންމެ މީހަކީ ވެސް ތަފާތު ވިސްނުންތަކާއި ތަފާތު ފިކުރެއް ހުންނާނެ މީހެއް ކަމަށާއި، އަދި ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭއިރު އަމިއްލައަށް ބޭނުންވާ ކަންތައްތަކެއް ވެސް ހުންނާނެ ކަމަށެވެ. ނަމަވެސް މިއަދު ހާމަވީ އެންމެން އެކުގައި ކުރިއަށްދާން ތިބިކަން ކަމަށް ރައީސް ވިދާޅުވިއެވެ.