ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދެވި ކަމަށް ރައީސް ނަޝީދު އިއުލާންކުރައްވައިފި އެވެ.
އެމްޑީޕީ ކޮންގްރެސްގައި ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރަށް ވޯޓަށް އެހުމުން، ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ގަރާރު ހުށަހެޅުނު ފަހުން އެމަނިކުފާނާއި، ރައީސް ސޯލިހާއި އެކު މަޝްވަރާތަކެއް ކުރެވުނުކަމަށެވެ. އަދި އެ މަޝްވަރާތަކަށްފަހު މިވަގުތަށް އެ ގަރާރު ކުރިއަށް ނުގެންދަވަން ނިންމަވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
”އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި މިހާރު މި ގަރާރު މިތަނުގައި މި އޮތް ގޮތަށް ބާއްވާ، އަޅުގަނޑުމެން މިއާއި ދޭތެރޭ ބަހުސްނުކޮށް، ރައީސުލްޖުމްހޫރިއްޔާ އާއި، ތިބޭފުޅުންނާއިވެސް އެކުގައި މަޝްވަރާކޮށްގެން އަޅުގަނޑުމެން ރަނގަޅު ގޮތެއް މިކަމުގައި ފެނިގެންދާނެ“ ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވުމާއި އެކު ކޮންގްރެސްގެ ބައިވެރިން ވަރަށް ބާރަށް އަތްޖައްސަވައި ތަރުހީބު ދެއްވިއެވެ. ރައީސް ނަޝީދުގެ ވާހަކަފުޅަށްފަހު ކޮންގްރެސް ނިންމާލުމުގެ ގޮތުން އެމްޑީޕީގެ އިސް ލީޑަރު، ރައީސް ސޯލިހްވެސް ވާހަކަ ދެއްކެވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދުގެ ގަރާރު ކުރިއަށް ނުގެންދަވަން ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ. އަދި ކޮންގްރެސް ފެށުނު އިރު ޕާޓީ ތެރޭގައި ވަރަށް ޓެންޝަން އޮތް ކަމަށާއި ނަމަވެސް ނިމިގެން މިދަނީ ވަރަށް މެޗުއަރ ޕާޓީއެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވާނީ ޕްރައިމެރީއަކުން ކަމަށާއި އެ ޕްރައިމެރީއިން ހޮވޭ ބޭފުޅަކާއި އެކު އެމްޑީޕީއިން 2023 ވަނަ އަހަރުގެ އިންތިހާބުގައި ވާދަ ކުރާނެކަމަށް ވިދާޅުވިއެވެ.
ބަރުލަމާނީ ގަރާރު މިއަދު ރައީސް ނަޝީދު އަނބުރާ ގެންދެވިއިރު، އެ ގަރާރަށް ވޯޓަށް އެހި ނަމަވެސް އެ ގަރާރު ފާސްވާނެ ކަމަކަށް ނުބެލެވެއެވެ.
ގަރާރު ކަންތަކަކީ އެމަނިކުފާނު އެހެން އުޅުއްވާއިރު އަންނަ ވިޔަރިގަނޑު ގަނޑު ރައީސް އެމަނިކުފާނާއި ާާހަކަދައްކަާާބުރަކަށީގައި ފިރުމާލީމަ އެކަން އެ ނިމުނީ