އެމްޑީޕީ ކޮންގްރެސަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ޤަރާރު އަނބުރާ ނެގުމަށް ނިންމާފައިވާ ކަމަށް ނަޝީދުއާއި ގާތް ބޭފުޅަކު ވިދާޅުވެއްޖެ އެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި އެކަން ނަޝީދު ރަސްމީކޮށް އިއުލާނުކުރައްވާނެކަންވެސް އެބޭފުޅާ ވިދާޅުވިއެވެ.
ކޮންގްރެސްގައި ދެން އޮތް ސެޝަންގައި އޮތީ ގަރާރާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.
ކޮންގްރެސްގައި ދެ ރައީސުން ވަރަށް ގިނަ އިރުތަކެއްވަންދެން މަޝްވަރާތަކެއް ކުރެއްވި އެވެ. އަދި، އޭގެ ފަހުން ދެ ރައީސުން އެއްކޮށް ސްޓޭޖް މައްޗަށް އަރާވަޑައިގެން ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ވެސް މަޝްވަރާތަކެއް ކުރެއްވި އެވެ. އޭގެފަހުން، ރައީސް ސޯލިހާއި ނަޝީދު ވެސް އެ ދެ ބޭފުޅުންގެ ގާތް ބޭފުޅުންނާއެކު ވަކިވަކިން މަޝްވަރާތަކެއް ކުރައްވާފަ އެވެ.
ރައީސް ނަޝީދުގެ ގަރާރުގައި ފާހަގަކޮށްފައިވާ ވާހަކަތައް
ގާނޫނުއަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކުގެ ގޮތުގައި ރައީސް ނަޝީދު ގަރާރުގައި ފާހަގަ ކުރައްވާފައިވަނީ، ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އިންތިހާބު ކުރާ އެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިފައިވާ ބޮޑު ވަޒީރު ކަމުގައި ކަނޑައެޅުމަށެވެ. އަދި ދައުކަތުގެ އެންމެ މަތީ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަކު ކަނޑައަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބޭ މީހާ ކަމުގައި ކަނޑައެޅުމަށެވެ.
އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި، ބޮޑުވަޒީރަކު ސަރުކާރު ހިންގާއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިދޭ ބާރުތަކާއި އަދާކުރާންޖެހޭ މައްސޫލިއްޔަތުތައް ކަނޑައެޅުމަށާއި، ރައްޔިތުންގެ މަޖިލީހުގައި ދާއިރާތަކުގެ މެމްބަރުން ތަމްސީލު ވާނެ ގޮތްތަކާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި ޕާޓީއަށް ހާއްސަކުރެވޭ ”ނެޝަނަލް ލިސްޓު“ގެ މެމްބަރުން ހިމެނޭ އުސޫލު ޤާނޫނުއަސާސީގައި ކަނޑައެޅުމަށްވެސް ރައީސް ނަޝިދުގެ ގަރާރުގައި ހުށަހަޅާފައިވެއެވެ.
ރައީސް ނަޝީދުގެ ގަރާރުގައި ގާނޫނުއަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކުގެ ގޮތުގައި އިތުރަށް ހުށަހަޅާފައިވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 މެމްބަރުންނަށްވުރެއް އިތުރު ނުވާނެ ގޮތަށް އަދަދު ހިފެހެއްޓުމާއި، ސަރުކާރު ހިންގާނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމުގައި ކަނޑައެޅުމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުން ކަމުގައި ކަނޑައެޅުމަށްވެސް ހުށަހަޅާފައިވެއެވެ.
މީގެއިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާގޮތަށް ގެންނަ ބަދަލުތައް ކަނޑައެޅުމަށާއި، ރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ އަސާސީ ސިފަތައް ޤާނޫނުއަސާސީގައި ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ގަރާރުގައި ހުށަހަޅުއްވާފައިވެއެވެ.