ކުވައިތު އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމައިފި އެވެ.
ކުވައިތު އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް ފަށަން ނިންމާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 31 އިން ފެށިގެންނެވެ. އެގޮތުން މިހާރު ހަމަޖައްސާފައިވާ ގޮތުން އެ ތާރީހުން ފެށިގެން ހަފުތާ އަކު ދެ ދަތުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާއްވާނެ އެވެ.
މެދުއިރުމައްޗަށް ނިސްބަތްވާ ކުވައިތުން ރާއްޖެ އަށް އެ ގައުމުގެ ގައުމީ އެއާލައިނުން ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ އިރު، މެދުއިރުމަތީގެ ވަރަށް ގިނަ ގައުމުތަކުން މިހާރު ވެސް ރާއްޖެ އަށް ދަތުރުތައް ކުރެ އެވެ. އަދި އެ ސަރަހައްދުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ އަކީ މަގުބޫލު މަންޒިލެކެވެ.
މި އަހަރުގެ މިހާތަނަށް ވެސް 50،000 އަށް ވުރެ ގިނަ ފަތުރުވެރިން މެދުއިރުމަތިން ރާއްޖެ އަށް އައިސްފައިވެ އެވެެ.
މިހާރު ދުނިޔޭގެ 34 މަންޒިލަކަށް އުދޭ ކުވައިތު އެއާވޭސްގެ ހިދުމަތް ފެށީ މާޗް 16، 1954 ގަ އެވެ. އެ އެއާލައިންގެ ފްލީޓްގެ އަދަދަކީ 30 އެވެ.