ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ޓިކެޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އެރުވީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމަށްކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ކައުންސިލުގެ އިއްތިފާޤުން ފާސްކޮށްފައިވާތީ, “ހަވާލޭ ވަޠަން“ ގެ ނަމުގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވަނީ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވައިފައެވެ. ރަސްމީކޮށް ރިޔާސީ ޓިކެޓު ރައީސް ޔާމިނަށް އެރުވީ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) އެވެ.
ރައީސް ޔާމިނަށް މަރުހަބާ ދަންނަވައި ޝަރީފް މިރޭ ވިދާޅުވީ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް އެރުވުމަކީ ދިވެހިންގެ ގިނަ ބައެއްގެ އުންމީދުތަކާ ގުޅިފައިވާކަމެއްކަން ރޭގެ ޖަލްސާއިން ހާމަވާކަމަށެވެ.
އަދި ރައީސް ޔާމިނަށް ރިޔާސީ ޓިކެޓު އެރުވީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމަށް ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ.