މި ސަރުކާރުން މަޝްރޫޢުތައް ހިންގަނީ އެކަމެއް ރަނގަޅަށް އެނގިތިބެ ކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީކޮންގްރެސްގައި ހަވީރު ދެއްކެވި ވާހަކައިގައި އަސްލަމް ވަނީ މި ސަރުކާރުން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ.
އަސްލަމް ވިދާޅުވީ މިހާރު ވެސް 14 ރަށެއްގައި 1520 ހައުސިން ޔުނިޓުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މާލެ ސަރަހައްދުގައި 10627 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އޭގެތެރެއިން 5445 ޔުނިޓަކީ އެފޯޑަބަލް ކެޓަގަރީގައި ހުރި ތަންތަން ކަމަށެވެ.
އަދި 38 ރަށެއްގައި ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިމިފައިވާއިރު، 09 މަޝްރޫޢު ކޮންޓްރެކްޓް ކޮށްފައިވާ ކަމަށާއި، 38 މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރަމުންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި 05 ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢު ނިމިފައިވާއިރު، 03 މަޝްރޫޢުއެއް ކޮންޓްރެކްޓް ކޮށްފައިވާ ކަމަށާއި، 21 މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އަސްލަމްގެ ވާހަކައިގައި ވަނީ އިތުރު ބައެއް މަޝްރޫޢުތަކަށް އަލިއަޅުއްވައިލައްވާފައެވެ. އަސްލަމް ވިދާޅުވީ ކޮވިޑުގައި ދެ އަހަރު ގެއްލުނުކަން ހަނދާންކުރަންޖެހޭ ކަމަށާއި މި ހުރިހާ ކަމެއް މި ކުރަނީ އެ ދެ އަހަރު ނުހިމަނާ ކަމަށެވެ.
އަދި ހުރިހާ ކަމެއް މި ކުރަނީ އެކަމެއް ކުރީމަ ވާނެ ގޮތް އެނގި ތިބެ އެއީ ކޮންކަމެއްކަން އެނގިގެންކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
”އެކަމެއް ކުރީމަ ވާނެ ގޮތް އެނގި ތިބެގެން މިހެން ވެގެން ކުރާ ކަމެއްކަން އެނގިތިބެން އަޅުގަނޑުމެން ކުރަމުންދާ ކަންތައްތަކުގެ (މަޝްރޫޢުތަކުގެ) ވާހަކަ ދައްކާ މި ނިމުނީ.“ އަސްލަމް ވިދާޅުވިއެވެ.