ސިފައިންގެތެރޭގައި ”ސިޔާސީ ކުޅިގަނޑެއް“ ނެތް ކަމަށާއި އެ ތަން ހިނގަނީ ވަރަށް ޕްރޮފެޝަނަލްކޮށްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި މިރޭ ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ސިޔާސީ ނުފޫޒު ސިފައިންގެތެރެއަށް ވަންނަނީ އެ ތަނުގައި ހުންނަ ވެރިމީހާ ހިތަށް އެރީމައި ނުވަތަ ނުރުއްސެވީމައި ކުއްލިއަކަށް ޔުނިފޯމު ބާލާފައި ގެއަށްދާން ޖެހުމުން ކަމަށެވެ. ނަމަވެސް މިއަދު އެހެނެއް ނުހިނގާނެ ކަމަށާއި, ސިފައިންގެތެރޭގެ ކަންކަން މިއަދު ހިނގަނީ ލިޔެވިފައި އޮންނަ ވަކި ނިޒާމެއްގެ ތެރެއިން ވަރަށް އަދުލުވެރިކޮށް ކަމަށެވެ.
”ލިޔެވިފަ އޮންނަ ނިޒާާމެއްގެތެރޭގަ އެ މީހުންނަށް ވަކިން ހެދިފަ އޮންނަ ނިޒާމެއްގެ ތެރޭގަ އެކަން ހިނގަނީ. އަދުލުވެރިކަމާއެކުގަ އެ މީހުންގެ ވެސް ޙައްޤުތަކެއް އޮތްކަމަށް ދެކިގެން ދިވެހި ރައްޔިތުން އެތައް ފައިސާއެއް ޚަރަދުކޮށްގެން ތަމްރީނުކޮށްފަ ތިބި ބައެއްކަން ދެނެގަނެގެން ހަމަ ސިޔާސީ މީހާ ހިތަށް އަރާއިރަށް އާ މީނަ ބޭރުކުރޭ އޭނަ ބޭރުކުރޭ އެ އުސޫލަކުން ނޫން.“
މާރިޔާ ވިދާޅުވީ ސިފައިން ޔުނީފޯމުގަ ތިބޭއިރު މިއަދު ”އަޅުގަނޑުމެން އެ މީހުންނަށްޓަކައި ފަހުރުވެރިވާ“ ކަމަށެވެ. އަދި މިއަދު އެ ތަނުގައި “ސިޔާސީ ކުޅިގަނޑެއް“ ވެސް ނެތް ކަމަށެވެ.
”މިއަދު ނިންމާލަމުން އަޅުގަނޑު ދަންނަވާނީ އެތާ އެތެރޭގަ ސިޔާސީ ކުޅިގަނޑެއް ނެތޭ. އެތަން އެއީ ޕްރޮފެޝަނަލް ތަނެކޭ.“ މާރިޔާ ވިދާޅުވިއެވެ.